އިންސާފު ހޯދައިދީ އަދި އިންސާފު ލިބިދޭނެ ނިޒާމެއް އެއްމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލުވް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ "ހަބަރު ސިޓީ"ގައި އެމަނިކުފާނު ލިޔުއްވާ ޝާއިއު ކުރެއްވި ހަބަރެއްގައެވެ. "އެމްޑީޕީގެ ފެށުން - އިންސާފު ހޯދައިދިނުން"ގެ ނަމުގައި ލިޔުއްވާފައިވާ މި ހަބަރުގައު ރައީސް ސޯލިހް ވަނީ އިންސާފު ލިބިދޭ ނިޒާމެއް އުފެއްދުމާ ބެހޭގޮތުން ލިޔުއްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީގެ ސިޔާސީ މަސައްކަތްތައް ފެށިގެން އައީ ވަރަށް ގިނަ ބައެއް އޭރު ތަހައްމަލުކުރަމުން އައި ބޭއިންސާފާއި އަނިޔާވެރިކަމުން މި ގައުމު މިންޖުކުރުމުގެ ހެޔޮ ނިޔަތާއި އުއްމީދާއެކު ކަމަށެވެ. އަދި 1990ގެ އަހަރުތަކުން ފެށި މި މަސައްކަތުގެ ނަތީޖާ މާނަވީ ގޮތެއްގައި ރައްޔިތުންނަށް އިހުސާސްކުރެވެން ފެށީ މި އަހަރު ސުޕްރީމްކޯޓުގެ ބެންޗަށް ގެނެވުނު މުހިންމު ބަދަލުތަކާއެކު ކަމަށް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެތައް އަހަރުތަކެއް އެމްޑީޕީގެ މެންބަރުން ހޭދަކުރީ ބުރަ މަސައްކަތުގައި މިފަދަ ބަދަލުތަކެއް ހޯދުމަށް ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގާނޫނުއަސާސީއާއި ތިން ބާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އައިއިރު، ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަކަށް ބަދަލުތައް އައުން އެންމެ ފަހުން ފެށުނީވެސް އިންސާފު ގާއިމްކުރުމުގެ ދާއިރާ އިން ކަމަށް ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

ތަފާތު އެތައް ތަޖުރިބާތަކަކަށްފަހު މި ބަދަލުތައް މިހާރު ފެންނަން ފަށާފައިވާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ނަމަވެސް، އިންސަފު ހޯދައިދީ އަދި އިންސާފު ލިބިދޭނެ ނިޒާމެއް އެއްމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި މި ބިޔަ ބޮޑު ކަމަކީ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ވަށާ ޖެހުނީމާ ލިބޭ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އިންސާފު ގާއިމްކުރުމަށް ގާނޫނުތައް އިސްލާހު ކުރުމާއި، އެކަމަށް ބޭނުންވާ މީހުން އުފެއްދުމާއި، ވަސީލަތްތައް ގާއިމްކުރުމާއި، ތަމްރީނުގެ ފުރުސަތު ލިބުންފަދަ ކަންކަމަކީ އެކުއެކީގައި ހިނގަން ޖެހޭ ކަންކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިކަންތައްތަކުގެ އިތުރުން މިކަމާ ގުޅިން ހުރި އެހެނިހެން މުއައްސަސާތައް ވެސް އެކު އެކީގައި އިސްލާހު ކުރެވެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅިވީ، އެމްޑީޕީގެ މެންބަރުން މީގެ ވިއްސަކަށް އަހަރު ކުރިން ކުރަން ފެށި މިދަތުރު ނިންމާލުމާ ގާތަށްވެސް އަދި ނުދާ ކަމަށާއި އަދިވެސް ތިބީ މި ދަތުރު މަތީގައި ކަމަށެވެ. އަދި މިކަން ކުރުމުގައު އިތުރު ވަކި އެހެން ނިޔަތެއް ނެތި މަސައްކަތް ކުރާނެ ބަޔަކީވެސް އެމްޑީޕީގެ މެންބަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީ ވުޖޫދުވިތާ 15 އަހަރުވީއިރު ހަނދާނުން ފޮހެލަން ދަތި ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ހުރިހާކަމެއް ހިނގާދިޔައީ އަދި ދަނީވެސް އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުންގެ ލޯކުރިމަތީގައި ކަމަށާއި. ބިރުވެރި، ދަތި އެތައް އުނދަގޫ ދުވަސްތަކެއް ކަޑައްތު ކުރުމަށްފަހު ޕާޓީ ރަޖިސްޓްރީ ކުރެވުނީ އަދި މާ ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ 15 އަހަރަށް ވުރެ މާ ދޮށީ ޕާޓީއެއް ކަމަށެވެ.

އެމްޑީޕީގެ "ހަބަރު ސިޓީގައި" މިއަދު ނެރުނު ފުރަތަމަ އަދަދުގައި ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ލިޔުމެއް ވެސް ވަނީ ޝާއިއުކޮށްފައެވެ.