ސްޓެލްކޯ ކަސްޓަމަރުންނެކޭ އެއްފަދައިން ފެނަކަ ކަސްޓަމަރުންނަށް ވެސް ޖޫން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، ޖޫން މަހުގެ ކަރަންޓިނު ބިލުން ފެނަކަ ކަސްޓަމަރުންނަށް ވެސް 40 ޕަސަންޓް ޑިސްކައުންޓް ދިނުމަސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ފެނަކައިން މިފަދައިން ނިންމާފައިވާއިރު، ސްޓެލްކޯ ކަސްޓަމަރުންނަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ކަރަންޓު ބިލުތައް ސަބްސިޑީ ހިމަނައިގެން އިސްލާހުކުރުމަށްފަހު އަނެއްކާވެސް ބިލު ފޮނުވާނެ ކަމަށެވެ. ހަމައެއާއެކު އިންސްޓޯލްމަންޓަށް ބަހާލައިގެން ބިލް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން މާޗް، އޭޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އެ ފުރުސަތު ވިޔަފާރިތަކަށްވެސް ދިނުމަށް ވަނީ ނިންމާފައެވެ.
މި ނިންމުން އެ ކުންފުނިން ނިންމާފައި ވަނީ ކަރަންޓު ބިލުތައް ބޮދުވެ އާންމުންގެ ފާޑުކިއުން އަމާޒުވުމާ ގުޅިގެންނެވެ. ޖޫން މަހުގެ ކަރަންޓު ބިލު އާދައާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ އާންމުން ދަނީ ކުރަމުންނެވެ. އަދި ލޮކްޑައުންގެ ކުރިން އައި ބިލްތަކާއި ޖޫން މަހުގެ ބިލްގައި ހުރި ތަފާތުތައް ވަނީ ހިއްސާކޮށްފައެވެ. ބައެއް ބިލްތައް ވަނީ ތިންގުނަ ބޮޑުވެފައެވެ. އެގޮތުން ހާހެއްހާ ރުފިޔާ ކުރިން ނާރާ ގޭގޭގެ ބިލްތައް އުޅޭނީ 2500 އިން މަތީގައެވެ.
މިކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ކުރިން ބުނެފައިވަނީ ބިލް ބޮޑުވެފައިވާ ކަމަށް ފާހަގަވެފައި ވަނީ ގިނަ ވަގުތު ގޭގައި ތިބޭ ވަގުތު އިތުރުވެފައި ވާތީ ކަމަށާއި އަދި މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަށް ވާތީ ކަމަށާއި ކުރިން މަސްތަކުގައި ލުއިދީފައި އޮތުމުން މި މަހު ޑިސްކައުންޓް ނެތުމުން ބިލް ބޮޑު ކަމަށް ދައްކަނީ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އޭޕްރީލް އަދި މެއި މަހުވެސް ވަނީ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އަދި އެ ދެ މަހު ފެން ބިލުން ވަނީ 30 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އެގޮތުން ސްޓެލްކޯ މެދުވެރިކޮށް 92،588 ގޭބީސީއެއްގެ ކަރަންޓް ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިނެވެ. އަދި ފެން ކުންފުނި މެދުވެރިކޮށް 33،198 ގޭބީސީ އަކަށް 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި ފެނަކަ މެދުވެރިކޮށް 12،661 ގޭބީސީ އަކަށް 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓްވެސް ސަރުކާރުން ވަނީ ދީފައެވެ.