ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ވާހަކައަކީ މިއަދު މި ދުނިޔޭގެ މުޅި އާބާދީއަށް ހެން އާ ނަމަކަށް ނުވާނެއެވެ. ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ފަހުކޮޅު ރިޕޯޓްކުރަން ފެށި ކޮވިޑް-19، ދުނިޔޭގެ އެކި ކަންކޮޅުތަކުން 213 މަންޒިލަކަށް ފެތުރިފައިވާއިރު، މި ވައިރަހަށް އިންފެކްޓްވި މީހުންގެ އަދަދު މިލިއަނުން ގުނާލެވެއެވެ. މަރުވި މީހުންގެ އަދަދު ލައްކައިން ގުނަން ޖެހިފައި ވާއިރު، ނިމިދިޔަ ހަފުތާއަކީވެސް މި ވައިރަހުގެ މައްޗަށް އިންސާނީ ހަޟާރާތަށް މާ ބޮޑު ކުރިއެރުންތަކެއް ހޯދުނު ހަފުތައެއް ނޫނެވެ.

ހަމަލޮލަށްވެސް ނުފެންނަ ސާސްކޯވް-2 އަށް އިންފެކްޓްވި މީހުންގެ އަދަދު 10 މިލިއަނަށް އެރި މަންޒަރު ފެނުނީ ހަފުތާ ފެށުނުތާ ކައިރީގައެވެ. ދެތިން ދުވަހެއް ނުވެ ދެން ލިބުނީ ބަލި ޖެހުނު މީހުންގެ އަދަދު 11 މިލިއަނަށްވުރެ މައްޗަށް އެރި ޚަބަރެވެ. ބަލިޖެހިގެން އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކުރަމުންދާ 5 ގައުމަށް ބަލާއިރު، ދުނިޔޭގެ އެންމެ އިރުމަތީ ބިތުން ހުޅަނގާ ޖެހެންދެކަށްވެސް ވައިރަސް ފެތުރިފައިވާކަން އަންގައިދެއެވެ. ބަރު ހަތިޔާރާ، ޒަމާނީ ޓެކްނޮލޮޖީގެ ކުރިބޯށީގައި އޮތް ގައުމުތަކެއް ކަމަކު، މި ކުޑަކުޑަ ވައިރަހަށްވުރެ ބާރުގަދައެއް ނުވެވުނެވެ.

ކޮވިޑް-19ގެ ލޮކްޑައުން ފިޔަވަޅުތަކަށް ލުއި ދިނުމާއެކު އިންޑިއާގެ ސެލޫންއެއްގައި ހިދުމަތް ދެނީ/ފޮޓޯ: އިންދިރާނިލް މުކަރުޖީ

އެމެރިކާ

މުޅި ދުނިޔެއަށް ބަލާއިރުވެސް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރަމުންދަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް 2.8 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 132101 އަށް ވަނީ އަރާފައެވެ. އެމެރިކާއަށް ބަލާއިރު ބަލިޖެހިފައިވާ މީހުން އެންމެ ގިނައީ ނިއުޔޯކް، ކެލިފޯނިއާ، ޓެކްސަސް، ފްލޮރިޑާ، ނިއުޖާޒީ، އިލޮނޯއީ އަދި މެސަޝޫސަޓްސްގައެވެ.

އެމެރިކާއަށްފަހު އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ 1.5 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ ބްރެޒިލްއިންނެވެ. ބްރެޒިލްގެ އާބާދީއަށް ބަލާއިރު ކޮންމެ 1 މިލިއަން މީހަކުން 7260 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި ބަލީގައި ބްރެޒިލްއިން މަރުވި މީހުންގެ އަދަދު 63254 އަށް ވަނީ އަރާފައެވެ.

ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމާ، ސިއްހީ ޓެކްނޮލޮޖީގެ އެންމެ އުހުގައި އޮތް އެއް ގައުމުގެ ގޮތުގައި ސިފަކުރަމުން އަންނަ ރަޝިއާއަކީ 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރަމުންދާ ގައުމެވެ. ރަޝިއާއިން މިހާތަކަށް 6 ލައްކައަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، 9 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19ގައި މަރުވެ ގޮސްފައެވެ. ރަޝިއާގެ އާބާދީއަށް ބަލާއިރު ކޮންމެ 1 މިލިއަން މީހަކުން 4577 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

އެމެރިކާގެ ސިއްހީ ތަޖުރިބާކާރު ޑރ އެންތަނީ ފައޫޗީ/ފޮޓޯ: އަލް ޑްރާގޯ

އިންޑިއާ

ދެން އޮތީ ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ސުޕާޕަވާގެ ގޮތުގައި އޮތް، އަވަށްޓެރި، އިންޑިއާގެ ވާހަކައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއަކީ، ދުނިޔޭގެ ނިސްބަތުން 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރަމުންދާ ގައުމެވެ. އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު 649889 އަށް ވުރެ މައްޗަށް އަރާފައިވާއިރު، 8944 ޕޭޝަންޓަކު މިހާރުވެސް އޮތީ ސީރިއަސް/ކުރިޓިކަލް ހާލެއްގައެވެ.

ނިމިދިޔަ ހަފުތާއަކީވެސް އިންޑިއާއިން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކުރި ހަފުތާއެއްކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން އިންޑިއާގެ މަސްރަހުން އެންމެ ފާހަގަ ކުރެވުނު އެއް ހަބަރަކީ، އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ބިހާރުގައި އޮތް ކައިވެނި ހަފުލާއެއްގައި ބައިވެރިވި މީހުންގެ ތެރެއިން 113 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައި ވާ ޚަބަރެވެ. ކައިވެނި ކުރި ފިރިހެން ކުއްޖާވެސް ވަނީ ހަފުލާއާއި ޖެހިގެން އައި ދުވަހު މި ދުނިޔެއާއި ވަކިވެފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮވިޑް-19އަށް ހާއްސަކޮށްގެން 10 ދުވަހުން ތަރައްގީ ކުރި ވަގުތީ ހޮސްޕިޓަލު/ފޮޓޯ: ޓެލެގްރާފް

މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ހޮސްޕިޓަލެއް ކޮވިޑް-19އަށް ހާއްސަކޮށްގެން އިންޑިއާއިން ހުޅުވާލީވެސް ހުސްވި ހަފުތާގެ ތެރޭގައެވެ. ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރު ވަމުން ދާ ވެރިރަށް ނިއުދިއްލީގައި ހުޅުވި މި ހޮސްޕިޓަލަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، ވަގުތީ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ބޮޑެތި ހޮސްޕިޓަލުތަކުގެ ލިސްޓުން ޖާގަ ހޯދާ ހޮސްޕިޓަލެކެވެ. ދިއްލީގެ އިސް އޮފިޝަލެއް ކަމަށްވާ ބީއެމް މިޝްރާ ވިދާޅުވީ މި ހޮސްޕިޓަލުގައި އަޅާފައިވާ 10000 އެނދަކީ ޑިސްޕޯސަބަލް އެނދުތަކެއް ކަމަށާ، ސިޓީގެ ރަށްބޭރުގައި އަޅާފައިވާ މި ހޮސްޕިޓަލުގައި ބޭނުންކުރާ އެނދުތަކަކީ ކާޑުބޯޑުން ތައްޔާރުކޮށްފައިވާ އެނދުތަކެއް ކަމަށެވެ.

މިޝްރާ ވިދާޅުވީ މިއީ ލުއި، އެހެންނަމަވެސް ވަރުގަދަ އެނދުތަކެއް ކަމަށާ، މިއިން ކޮންމެ އެނދަކަށް 2 އަހަރު ދުވަހުގެ ވޮރަންޓީއެއް އެބައޮތް ކަމަށެވެ. މިއިން އެނދެއްގައި 300 ކިލޯގްރާމްގެ ބަރު ހިފަހައްޓާނެ ކަމަށާ، މިއީ ފެން ނުވަންނަ ގޮތަށް ފަރުމާ ކޮށްފައިވާ އެނދުތަކެއް ކަމަށްވެސް މިޝްރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއިން އެނދެއްގެ އަގަކީ ގާތްގަނޑަކަށް 1200 ރުޕީޒް ނުވަތަ 16 ޑޮލަރެވެ.

އިންޑިއާ ފުލުހުންގެ ފަރާތުން ލާއިންސާނީ އަނިޔާ ލުބުނު ދެބަފައިންގެ މަންޒަރު ދައްކުވާދޭ ރަމްޒީ ކާޓޫނެއް/ފޮޓޯ: ޓްވިޓާ

ހަމަ މިއާއެކު، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް އިން ދިފާއުކޮށްދޭނެ ވެކްސިނެއް ތަރައްގީ ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަވަށްޓެރި އިންޑިއާއިން އަންނަ މަހު، އިންސާނުންގެ ހަށިގަނޑުގައި ވެކްސިނެއް ޓެސްޓު ކުރާނެ ކަންވެސް ހާމަކުރީ ހުސްވި ހަފުތާގެ ތެރޭގައެވެ.

ނިމިދިޔަ ހަފުތާގައި އިންޑިއާގެ މަސްރަހުންވަނީ ނުތަނަވަސްކަން ބޮޑު ޚަބަރުތަކެއްވެސް ލިބިފައެވެ. އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެބަފައިންގެ ކުއްލި މަރާ ގުޅިގެން އެގައުމުގެ މަސްރަހު ހޫނުވާން ފެށީވެސް ހުސްވި ހަފުތާގެ ތެރޭގައެވެ. އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް، ޕީ ޖިޔާރާޖު،58، އަދި އޭނާގެ ފިރިހެން ދަރިފުޅު ފީނިކްސް، 38، ގެންދިޔައީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ އަމުރުތަކާ ހިލާފަށް ފިހާރަ ހުޅުވައިގެން ވިޔަފާރި ކުރަމުންދަ ދަނިކޮށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލަދަކް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: އޭއެންއައި

ދެން ލިބުނީ، ކޮވިޑް-19 އާ ކުރިމަތިލުމުގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އެކުލަވާލެއްވި 1 ބިލިއަން ޑޮލަރުގެ ފަންޑާ ގުޅިގެން ބޮޑެތި ސުވާލުތަކެއް އުފެދިގެން ދިޔަ ޚަބަރެވެ.

ވެކްސިންތަކަށް ބޮޑު ހަފުތާއެއް

ޗައިނާގެ އަސްކަރިއްޔާގެ މެމްބަރުންނަށް ވަކި ބާވަތެއްގެ ވެކްސިނެއް ދީގެން ތަޖުރިބާ ކުރުމަށް ޗައިނާގެ ސަރުކާރުން ހުއްދަ ދިނީ ހުސްވި ހަފުތާގެ ތެރޭގައެވެ. ޗައިނާގެ އަސްކަރިއްޔާގެ މެމްބަރުންނަށް ދޭ ވެކްސިން (އޭޑީ5-އެންކޯވް) ތަރައްގީ ކޮށްފައި ވަނީ ވެކްސިން ކުންފުނި ކެންސީނޯ ބައޮލޮޖިކްސްއާއި ޗައިނާ ސަރުކާރުގެ އެކަޑަމީ އޮފް މިލިޓަރީ މެޑިކަލް ސައެންސަސް ގެ ބައެއް ކަމަށްވާ، ބެއިޖީންގް އިންސްޓިޓިއުޓް އޮފް ބައޮޓެކްނޮލޮޖީ ގުޅިގެންނެވެ.

ޗައިނާއިން ދަނީ އެ ގައުމުގެ އަސްކަރިއްޔާ އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވެފައި ކަމަށާ، ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ އެންމެ މެމްބަރަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ނުވާނެ ކަމަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ދަނީ މި ދައުވާއަށް އިންކާރު ކުރަމުންނެވެ.

އިންޑިއާގެ ބަހާރަތު ބައޯޓެކްގެ ވެކްސިނަށް ދީފައިވާ ނަމަކީ

އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަމުންދާ ވެކްސިނެއް ކާމިޔާބު ވެދާނެ ކަމުގެ ނިޝާންތައް ފެންނަމުން ދާ ކަމަށް، ޗައިނާ ނޭޝަނަލް ބައޮޓެކް ގުރޫޕު (ސީއެންބީޖީ) އިން ހާމަކުރީވެސް ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. ވީޗެޓް ޕްލެޓްފޯމްގައި ސީއެންބީޖީން ހާމަކޮށްފައިވާ މައުލުމާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ސިއްހީ ގޮތުން ދުޅަހެޔޮ ހާލުގައި ތިބި 1120 ބައިވެރިންގެ ތެރެއިން 2 ބައިކުޅަ 1 ބައި ބައިވެރިންގެ ހަށިގަނޑަށް ހައި-ލެވެލް އެންޓިބޯޑީތަކެއް ފޮނުވާލާފައިވާކަމާށެވެ. ނަމަވެސް މި މަރުހަލާގެ ނަތީޖާ ނިކުމެފައި ވާ ގޮތުގެ ތަފާސް ހިސާބުތަކެއް އެ ގުރޫޕުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ވައިރަހުގެ ނުރައްކާ ބޮޑުވާ ކަމުގެ އިންޒާރު

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ އާ ބާވަތެއް، ވިލާތު ބައްރުން އެމެރިކާއަށް ދަތުރުކޮށް، އިންތިހާ ހަލުވި މިނުގައި ފެތުރިފައި ވާކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރި ދިރާސާއަކުން ހާމަވީ ހަފުތާ ނިމެން ދަނިކޮށެވެ. މި ދިރާސާ ބުނާ ގޮތުގައި އިތުރަށް ބާރުގަދަ ވެފައިވާ މި ވައިރަހަށް ގިނަ ބަޔަކު އިންފެކްޓްވި ނަމަވެސް، އެ ވައިރަހުގެ އަސަރު ކުރާ މީހާ ބޮޑަށް ބަލި ކޮށެއް ނުލައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެމެރިކަން ކެމިކަލް ސޮސައިޓީ

ދިރާސާ ކުރާ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ވެކްސިނެއްގެ އެހީގައި މި ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ގޮތެއް އޮތްތޯ ބެލުމަށެވެ. މިހާރު ތަހުލީލު ކުރަމުންދާ ވެކްސިންތައް ފަރުމާ ކޮށްފަ ހުރީ ސްޕައިކް ޕްރޮޓީންއަށް ހަމަލާދޭ ގޮތަށެވެ. ނަމަވެސް މި ވެކްސިންތައް ތަރައްގީ ކުރަމުންދަނީ، ވައިރަހުގެ ކުރީގެ ސްޓްރެއިންތައް ބޭނުންކޮށްގެން ކަންވެސް ފާހަގަ ކުރަންޖެހެއެވެ. ކަންބޮޑުވާން ޖެހޭ ކަމަކީ، ވައިރަސް އިތުރުވާ މިންވަރު ހަލުވިވުމުން، އެ ވައިރަސް ނެތިކޮށްލުމަށް ދިފާއީ ނިޒާމުން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ.

ބަލިމަޑުކަމުގެ ހާލަތު، ކުރިއަށް އޮތް ތަނުގައި އަދަށް ވުރެ ގޯސްވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ދިނީވެސް ހުސްވި ހަފުތާގެ ތެރޭގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް/ފޮޓޯ: ކީސްޓޯން

ގައުމުތަކުގެ ސަރުކާރުންތަކުން އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް މިހާރު އަޅަން ނުފަށައިފިނަމަ، ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހުމުގެ ފުރުސަތު އެބަ އޮތް ކަމުގެ އިންޒާރުވެސް ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ދެއްވާފައެވެ.

ހާލު ސީރިއަސް ވުމުގެ ސަބަބުން ނޭވާލާން ދަތިވެފައިވާ މީހުންގެ ފުރާނަސަލާމަތް ކުރުމަށް އޮކްސިޖަން ދޭން ބޭނުން ކުރާ "އޮކްސިޖަން ކޮންސަންޓްރޭޓާ"ގެ ސަޕްލައި ދަށްވަމުންދާ މިދަނޑިވަޅުގައި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމުތަކަށް މި އާލާތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރަމުންދާކަން އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ސްކްރީނެއް ކައިރިން މީހަކު ދަނީ/ފޮޓޯ: ބެންކޮކްޕޯސްޓް

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު، ބައެއް ގައުމުތަކުން ދަނީ ބަލިމަޑުކަމާއެކުވެސް ގައުމުގެ އެކި އޮޕަރޭޝަންތައް އަލުން ހިންގަން ފަށަމުންނެވެ. މިއާއެކު ދެވަނަ ރާޅެއްގެ ބިރުވެރިކަންވެސް ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ނަމަވެސް އަދިވެސް، މި ބައްޔަށް ފަރުވާއެއް ހޯދިފައި ނެތްތާ، ވެކްސިނެއްވެސް ފެނިފައެއް ނުވެއެވެ. ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެއްވަނީ އަދިވެސް ޖިސްމާނީ ގައިދުރުކަން އިސްކޮށް، ވީ ވަރަކުން ގޭގައި މަޑު ކުރުމަށެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށެވެ. 5 ލައްކައަށްވުރެ ގިނަ މީހުން އެ ވައިރަހުގެ ޝިކާރައަކަށް ހަދާލި ސާސްކޯވް-2 އަދިވެސް އޮތީ އިންސާނުންގެ މައްޗަށް ކުރި ހޯދާފައިކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.