ށ. މިލަންދޫގައި ޖުމްލަ 317 ބިދޭސީން އުޅޭ ކަމަށާއި އޭގެ ތެރެއިން 257 ބިދޭސީންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް މިލަންދޫ ކައުންސިލް ރައީސް އަބްދުﷲ ފާއިޒް ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް"އަށް މައުޅުމާތު ދެއްވަމުން ފާއިޒް ވިދާޅުވީ އެ ރަށުގައި ގަވައިދާ އެއްގޮތައް ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކޮށްގެން އުޅެމުން ދަނީ 60 މީހުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެރަށުގައި ބާކީ ތިބި 257 ބިދޭސީންނަކީ މާދަމާ މުޒާހަރާއެއް ކުރިޔަސް އެރަށު ރައްޔިތުންނަށް ވުރެ ބާރު ގަދަވާނެ ބައެއް ކަމަށެވެ. މުސާރަ ނުދޭކަމަށް ބުނެ މުޒާހަރާއެއް ކުރުންވެސް ގާތް ކަމަށާއި ލޮކްޑައުންގެ ފަހުން ގަވައިދާ ހިލާފަށް އުޅޭ މީހުން އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެތެރޭގެ ރަށްރަށުގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅެމުން ދާއިރު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ އަތޮޅުތަކުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 22 ބީދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ގޮތުންނާއި ރަށްރަށުގެ އިޖުތިމާއީ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް އުޅެމުންދާ ބިދޭސީން މަދުކުރުމަށްޓަކައި އިމިގްރޭޝަނާއި، ޕޮލިހުންނާއި އަދި ރަށު ކައުންސިލްތަކުން ގުޅިގެން ފަށާފައިވާ އެ ޕްރޮގްރާމްގައި ކ. ހިންމަފުށި، އދ. ދަނގެތި އަދި އދ.މާމިގިލިން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ބިދޭސީން ގެންގޮސްފައެވެ.
ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. މިހާތަނަށް އައި އިރު 10،000 އެއްހާ ބިދޭސީން ރަޖިސްޓްރީ ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބިފައިވާ އިރު އަދިވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދެއެވެ.