ސަރުކާރު އިދާރަތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ރަސްމީކޮށް ހުޅުވަން ނިންމައިފިއެވެ. ސަރުކާރު ރަސްމީކޮށް ހުޅުވޭ އިރު އޮފީސްތައް ހެނދުނު 8 އިން މެންދުރު ފަހު 2 އަށް ހުޅުވާނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އިދާރާތައް ބަންދުކޮށްފައި އޮތް އޮތުން ނިިންމައި، މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވާފައިވާ ކަމަށެވެ.
ސަރުކާރުގެ އޮފީސްތައް އާއްމުކޮށް ހުޅުވާލަން ކުރިން ނިންމާފައި ވަނީ އިއްޔެއެވެ. ނަމަވެސް އެ ނިންމުން ފަހުން ބަދަލުކޮށް މިއަދު ވަނީ އަލުން އިއުލާން ކޮށްފައެވެ.
ސަރުކާރު އޮފީސްތައް ހުޅުވަން ނިންމާފައި ވަނީ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުގެ ކުރިން ސަރުކާރުގެ އޮފީސްތައް ފުރަތަމަ ބަންދު ކުރީ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުހިންމު މަސައްކަތްތައް ކުރުމަށް މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ވީހާވެސް މަދު ބަޔަކު މަސައްކަތައް ނެރެގެންނެވެ.
މާޗް މަހު އިއުލާން ކުރި މުއްދަތު އިތުރު ކުރަމުން ގޮސް މިއަދަށް ވަނީ އެ މުއްދަތު ހަމަވެފައެވެ.