ރައްޔިތުންގެ މަޖިލީހަށް، ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ތެރެއިން މަޖިލިސް ހިންގުމަށް ބާ ކައުންސިލުން ގޮވާލައިފިއެވެ.
ބާ ކައުންސިލުން މިފަދައިން ގޮވާލީ ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަނިޔާ ލިބުނު މީހާ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އަށް ހާޒިރު ކުރުމަށް އެ ކޮމެޓީން ފާސް ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް މަޖިލީހަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ބާ ކައުންސިލުން ކުރި ޓްވީޓެއްގައި ވަނީ މަޖިލީހުން ސަފާރީ މައްސަލައާ މެދު އަމަލު ކުރަމުންދާ ގޮތާ މެދު އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ކަންބޮޑުވާ ކަމަށެވެ. ކައުންސިލަރުންގެ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މަޖިލީހަށް ދިން އިޝްތިޝާރީ ލަފާގައި ދައުލަތުގެ ތިން ބާރު ވަކިވެފައިވާއިރު ގާނޫނު އަސާސީން ސަރީހަ ބަހުން އެފަރާތަކަށް ބާރުތައް ދީފައިވާ މިންވަރަށް ކަށްކަން ކުރުމަށާއި އެ ބާރުގެ ތެރެއިން މަޖިލީހުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ބާ ކައުންސިލުން ވަނީ މަޖިލީހަށް ހަނދާން ކޮށްދީފައެވެ.
މީގެއިތުރުން ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ބާރު ދީފައި ވަނީ ގާނޫނުއަސާސީން ފުލުހުންނަށް ކަމަށާއި އަދި އެފަދަ ތަހުގީގުތައް ކުރިޔަށް ދަނީ ގާނޫނުތަކާއި އެއްގޮތަކަށްތޯ ބެލުމުގެ ބާރު ދީފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އަށް ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.
ސަފާރީގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިންކުއަރީ ހިންގުމުގައި ގާނޫނު އަސާސީގައި ބުނާ އިންތަކުގެ ތެރެއިން އެކަން ކުރުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.
އެތާ އިނީ ގާނޫނު ނުދަންނަ މޮޔައެއް.