ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައު އޮތުމަށްފަހު މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، އެމަނިކުފަނު ކުރެއްވި ޓްވީޓެއްގައެވެ. މާލޭގެ މިސްކިތްތައް ބަންދުކުރުމަށްފަހު، މާދަމާ ހުޅުވަލަން ނިންމާފައިވާއިރު، މާލެ ސިޓީގައި ގާއިމްކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ ގޮތުން މިމަހު 15 އިން ފަށަިއގެން ޖަމާއަތް ނުހަދާ މިސްކިތުގައި ނަމާދު ކުރުމަށް ވަނީ ހުޅުވާލާފައެވެ.

ނަމަވެސް، މަދަމައިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތް ހަދާ ނަމާދު ކުރެވޭނެއެވެ. މާލޭ ސަރަހައްދުގައި ހުރި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް ހުޅުވާލިއިރު، އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަށް ދިއުމުގައި އަމަލު ކުރަންޖެހޭ ގޮތްތައް ކަނޑައަޅާފައެވެ.

މިސްކިތްތަކަށް ނަމާދަށް ދާ އާންމުން ސަމާލުކަން ދޭންޖެހޭ ކަންކަން:

  • ގެއިން ވުޟޫކޮށްގެން ދިއުން.
  • މުސައްލައެއް ގެންދިއުމާއި މާސްކައެޅުން
  • މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން.
  • މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުމާއި އެމީހެއްގެ މުސައްލަ މަތީ މެނުވީ ނަމާދު ނުކުރުން.
  • ރޯގާ ޖެހި ހުންއައިސް ނުވަތަ ކެއްސާނަމަ މިސްކިަތށް ނުދިއުން
  • ނަމާދުކޮށް ނިމުމުން މިސްކިތުގައި މަޑުނުކުރުން
  • ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނަމާދަށް ނުދިއުން
  • މިސްކިތްތެރޭ އަދި ބޭރުގައި އަތާއަތް ޖޯޑުކޮށް ސަލާމްކޮށް ނުހެދުން
  • މިސްކިތުގައި ހުންނަ ހަތިމުތައް ބޭނުން ނުކުރުން

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތް ތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.

ނަމަވެސް ފަހުން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އޭޕްރީލް 19 ވަނަ ދުވަހު ނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ފަހުން ވަނީ ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި އެރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައެވެ.