ޗައިނާގައި އޮންނަ މުސްލިމު ވީގޫރު ދަރިކޮޅުގެ އާބާދީ މަދު ކުރުމަށްޓަކައި ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ބަޔާންކޮށް ދާދި ފަހުން އާންމު ކުރި ރިޕޯޓްގައިވާ ވާހަކަތަކަކީ "ސިހުން" ގެނުވަނިވި އަދި "ނަފްސަށް އުނދަގޫތަކެއް" ކުރުވަނިވި ވާހަކަތަކެއް ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

ވީގުރު ދަރިކޮޅުގެ މުސްލިމުން އެ ސަރަހައްދެއްގައި ބަންދުކޮށްގެން ގެންގުޅޭ ޝީންޖިއާންގް ސަރަހައްދުގައި ޗައިނާގެ ސަރުކާރުން ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލުތަކުގެ ވާހަކަ ބަޔާންކޮށް، ޖަރުމަނުވިލާތުގެ ރިސާޗާ އޭޑްރިއަން ޒެންޒް ލިޔުނު ރިޕޯޓް ޝާއިއު ކުރީ އެމެރިކާގެ ތިންކް-ޓޭންކެއް ކަމަށްވާ ޖޭމްސްޓައުން ފައުންޑޭޝަނުންނެވެ.

ކޮމިއުނިސްޓް ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގުރު ދަރިކޮޅުގެ މުސްލިމު އަންހެނުން ރަމްޒުކޮށްދިނުމަށް ބޭޏުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ފޮރިން ޕޮލިސީ

މި ރިޕޯޓްގައި ވާ ބައެއް ވާހަކަތަކަށް ބަލާއިރު، ވީގޫރު މުސްލިމުންގެ އާބާދީ މަދު ކުރުމަށް އެ ދަރިކޮޅުގެ އަންހެނުންނަށް، އަމިއްލަ އިހުތިޔާރުން ބޭރުގައި ދޭތެރެ ދުރުކުރާ ބޭސް ދެއެވެ. އަދި އެ ފަދަ ޑިވައިސްތައް ހަށިގަނޑުގައި ޕްލާންޓް ކުރުމަށް މަޖުބޫކުރުވައެވެ. އެވަރުންވެސް ބަލިވެ އިނދެއްޖަނަމަ މަޖުބޫރުން ދަރިވައްޓާލުމުގެ ރަހުމްކުޑަ ޖަރީމާ ހިންގައެވެ.

މުސްލިމުންނާ ދެކޮޅަށް ޒަމާނުއްސުރެ ނޭދެވޭ އަމަލުތަކެއް ހިންގަމުން އަންނަ ޗައިނާއަށް އަބަދުވެސް ފާޑުވިދާޅުވަމުން ގެންދަވާ ޕޮމްޕޭއޯ ވިދާޅުވީ، ރިޕޯޓްގައިވާ ވާހަކަތަކަކީ، އިންސާނީ ކަރާމާތާ އަބުރަށް ޗައިނާއިން ކުރާ ބޭއިހުތިރާމުގެ ރަމްޒެއް ކަމަށެވެ.

ޗައިނާއިން ދެމުންދާ ލާއިންސާނީ އަނިޔާތައް ދިރާސާކުރި ޒެންޒް ބުނާ ގޮތުގަ، އޭނާގެ ރިޕޯޓްގައިވާ ހޯދުންތަކަކީ އދއިން ގަތުލުއާންމެއް ކަމަށް ކަނޑައަޅާ ކްރައިޓީރިއާއަށް ފެތޭ ފަދަ އަމަލުތަކެއް ޗައިނާއިން ހިންގާކަމަށް މިހާތަނަށް ސާބިތުކޮށްދެވެން އޮތް އެންމެ ވަރުގަދަ ހެކި ލިއްބައިދޭނެ ހޯދުންތަކެކެވެ.

ކޮމިއުނިސްޓް ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގުރު ދަރިކޮޅުގެ މުސްލިމު އަންހެނުން ރަމްޒުކޮށްދިނުމަށް ބޭޏުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ފޮރިން ޕޮލިސީ ޖީވީވަޔާ

ގަތުލުއާންމު ހުއްޓުވުމަށް އދއިން އެކުލަވާލާފައިވާ ގަރާރުގެ މާއްދާއެއް ބުނާ ގޮތުގައި، ވަކި ޖަމާއަތެއްގެ އާބާދީއަށް އިތުރު ބަޔަކު އުފަންވުމަށް ހުރަސް އެޅުމަކީވެސް ގަތުލުއާންމުގެ ތެރޭގައި ގުނޭނެ ކަމެކެވެ.

ޗައިނާ ސަރުކާރުގެ ލިއެކިއުންތަކަށް ބަލާލުމުންވެސް ޝީންޖިއާންގް ސަރަހައްދުގެ އާބާދީ އިތުރުވާ މިންވަރު "އިންތިހާ ދަރަޖައަށް" ދަށްވަމުންދާ ކަން ހާމަވާކަމަށް ޒެންޒް ބުނެއެވެ. ޒެންޒް ބުނި ގޮތުގައި ޗައިނާގައި އެންމެ ގިނަ އަދަދަކަށް ވީގޫރު ދަރިކޮޅުގެ މުސްލިމުން ވަޒަންވެރިވެގެން އުޅޭ 2 ޕްރީފެކްޗާގައި އާބާދީ އިތުރުވެފައިވާ ގޮތަށް ބަލާއިރު، 2015 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު މި އަދަދު ވަނީ 84 ޕަސެންޓް ދަށަށް ގޮސްފައެވެ. އަދި 2019 ވަނަ އަހަރު މި އަދަދު އެއަށްވުރެސް ގޯސްކަމަށް ޒެންޒް ބުނެއެވެ.

ކޮމިއުނިސްޓް ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގުރު ދަރިކޮޅުގެ މުސްލިމު އަންހެނުން ރަމްޒުކޮށްދިނުމަށް ބޭޏުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގެޓީ އިމޭޖަޒް

މުޅި ދުނިޔެ ސިއްސުވާލި މި ރިޕޯޓާ ގުޅިގެން ޗައިނާގެ ހާރިޖިއްޔާއިން ބުނީ ބައެއް އިދާރާތަކާ މުއައްސަސާތަކަކީ ޝީންޖިއާންގްއާއި ގުޅުންހުރި މައުލޫމާތު ގެނެސްދިނުމުގައި އަސްލެއް ނެތް ވާހަކަތައް 'ކެއްކުމަށް ވަރު ހުންނަ' ބައެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ތުހުމަތުތަމަކީ އެއްވެސް ވަރެއްގެ ބުރަދަނެއް ނެތް، ދޮގު، އިލްޒާމުތަކެއްކަމަށްވެސް ޗައިނާގެ ހާރިޖިއްޔާއިން ވަނީ ސިފަކޮށްފައެވެ.

2019 ވަނަ އަހަރުގެ ލިޔެކިއުންތަކަކާ ހަވާލާދީ ޒެންޒްގެ ރިޕޯޓްގައިވާ ބައެއް ތަފްސީލުތަކަށް ބަލާއިރު، ވީގޫރު ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދިޔަ 2 ސަރަހައްދެއްގައި މީހުންނާ އިނދެގެން ތިބި އަންހެނުންގެ ތެރެއިން، ދަރިމައިވާ އުމުރުގެ އަންހެނުންގެ 14-34 ޕަސެންޓާ ދެމެދު އަންހެނުންނަށް ދަރިން ނުލިބޭ ގޮތް ހެދުމަށް ހާއްސަ ކެމްޕޭނެއް އޮތީ ފަށާފައެވެ. މި މަޝްރޫއަކީ ދަރިމައިވާ އުމުރުގެ ހުރިހާ އަންހެނުންގެ ތެރެއިން 20 ޕަސެންޓެއްހާ މީހުންނަށް ދަރިން ނުލިބޭ ގޮތް ހަދާނެ މަޝްރޫއެއް ކަމަށް ޒެންޒް ވަނީ ބުނެފައެވެ.

ވީގޫރު ދަރިކޮޅުގެ މުސްލިމުންގެ ހައްގުގައި ޗައިނާއާއި ދެކޮޅަށް މުޒާހަރާ ކުރަނީ/ފޮޓޯ: ވޯލްޓްރޯން

ޒެންޒްގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު، ދަރިމައިވާ އުމުރުގައި ތިބި އަންހެނުންގެ 80 ޕަސެންޓް މީހުންނަށް ޓާގެޓްކޮށްގެން، ބަލިވެނުއިންނާނެ ސާޖަރީ ހެދުމަށް ނުވަތަ އައިޔޫޑީ ލެއްވުމަށާ، އެފަދަ ފިޔަވަޅެއް އެޅުމަށް މަޖުބޫރުކުރުވުމަށް 2019 ވަނަ އަހަރު އޮތީ ރަވާފާއެވެ.

2018 ވަނަ އަހަރަށް ބަލާއިރު ޗައިނާގެ ހުރިހާ ހިސާބެއްގައި އަލަށް ބޭނުންކުރި އައިޔޫޑީ ތަކުގެ 80 ޕަސެންޓް ބޭނުންކޮށްފައިވަނީ ޝީންޖިއާންގްގައި ކަމަށްވެސް ޒެންޒްގެ ރިޕޯޓްގައިވެއެވެ. ނަމަވެސް މި ސަރަހައްދު ހިއްސާ ކުރަނީ ޗައިނާގެ އާބާދީގެ އެންމެ 1.8 ޕަސެންޓް މީހުންކަން ފާހަގަކުރަންޖެހެއެވެ.

ޗައިނާގެ ސަރުކާރުން ހިންގަމުންދާ މި ޖަރީމާ، މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާ، މި އަމަލު ހުއްޓުވުމަށް ޑިމާންޑް ކުރުމަށް އެމެރިކާއާ އާއިއެކު އެހެން ގައުމުތައް ބައިވެރިވުމަށްވެސް ޕޮމްޕޭއޯ ވަނީ ގޮވާލައްވާފައެވެ.