އާސަންދައިގެ ހަރަދުގައި މިރޭ 28 ބަލިމީހުން އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ.
އާސަންދައިން ބުނީ 28 ބަލިމީހުންނާއެކު އެމީހުންގެ އެހީތެރިންނާއި އަދި ބަލިމީހުންގެ ސިއްހީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް ދަ ޑޮކްޓަރުންނާއި ފަސް ނަރުހުންވެސް ފުރާނެ ކަމަށާއި އެ 28 ބަލި މީހުންގެ ތެރެއިން ދެ މީހުންނަކީ ސްޓްރެޗާގަ ގެންދާ ދެ މީހުންންވެސް ހިމެނޭ ކަމަށް އާސަންދައިން ބުނެއެވެ.
ފްލައިޓުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައި ކަމަށާއި އިންޑިއާއިންވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި އެ ގައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެ ކަމަށާއި އެ 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.
އެ އެންމެންވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓާ، އެއިމްސް ގައެި ކަމަށާއި ކަރަންޓީނުގައި ތިބޭނީވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށް އާސަންދައިން ބުނެއެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށްއެ ކުންފުނިން ބުނެއެވެ.
މިރޭގެ ފްލައިޓުން 37 ބަލިމީހުން ފުރުވަން ކުރިން ހަމަޖެހިފައިވީނަމަވެސް އެކި އެކި ސަބަބުތަކާހެދި ބައެއް ބަލިމީހުން މިދުވަސްވަރު ދަތުރުކުރުމަށް އުޒުރުވެރިވެފައިވާތީވެ އެ ފްލައިޓްގައި ދަތުރުކުރަނީ 28 ބަލި މީހުން ކަމަށާއި އެ މީހުން މިރޭ ފުރަން ހަމަޖެހިފައި ވަނީ 10:15ގައި ކަމަށެވެ. މިރޭ ދަންވަރު 2:15ގައި އެ ފްލައިޓް އިންޑަިއާއަށް ދެވޭނެ ކަމަށް އާސަންފައިން ބުނާއިރު، މިރޭ ބަލިމީހުން ގޮވައިގެންދާ ފްލައިޓު އެނބުރި އަންނާނީ އިންޑިއާއަށް ފަރުވާ އަށް ގޮސް ނާދެވި ތިބި 7 މީހުން ގޮވައިގެން ކަމަށްވެސް އާސަންދައިން ބުނެއެވެ.
އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ވަނީ ލިސްޓުކުރެވިފައެވެ. އޭގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރުވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އާސަންދައިން ބުނީ އިންޑިއާގަ ފްލައިޓް ލޭންޑްކުރާ ގަޑިއަށް ޕަސެންޖަރުން ބަލާ އެއިމްސް ގެ ފަރާތުން ހަތަރު ކާރާއި ފަސް އެމްބިއުލާންސާއި ހަތަރު ޓްރެވެލް ބަސް އަދި 21 ޕެރަމެޑިކުންނާއި ހޮސްޕިޓަލުގެ ތިން މެޑިކަލް ކޯޑިނޭޓަރުން ދެއެވެ. މީގެ ތެރެއިން އެއް ކޯޑިނޭޓަރަކީ ދިވެހި ބަހުން ވާހަކަދައްކަން ދަންނަ ކޯޑިނޭޓަރުންނެވެ. މަގުތަކުގެ ޓްރެފިކް ބޮޑޫ ނޫންނަމަ އެއަރޕޯޓުން ހޮސްޕިޓަލާ ދެމެދުގެ ދަތުރުގައި ވާނީ ގަޑިއެއްގެ އިރެވެ. ހޮސްޕިޓަލަށް ބަލިމީހުން ފޯރާއިރު އިނީޝިއަލް އެސެސްމެންޓް ހެދުމަށް 30 ޑޮކްޓަރުން ސްޓޭންޑްބައިގަ ތިބޭނެއެވެ. އެސެސްމެންޓަށް ފަހު ވަގުތުން ފަރުވާދޭން ޖެހޭ މީހުން ވަކިކޮށް އެހެން ބަލި މީހުންނާ ވަކިން އެ މީހުން އެޑްމިޓްކޮށް ވަގުތުން ފަރުވާދޭން ފަށާނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.
ބަލި މީހުން އިންޑިއާއަށް ފޮނުވުމަށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށާ ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބެއްލެވުމުގެ ދަށުން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް އާސަންދައިގެން ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.