ޖިންސީ ގޯނާގެ ހާދިސާތައް ރިޕޯޓްކުރުމުގައި ބްރޯޑްކާސްޓަރުން ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން މިހާރަކަށް އައިސް ފަތުރަމުންދާ ހަބަރުތަކާއި މައުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނުކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ގޮތަށް ހަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތުގެ އިތުރަށް އެ ފަރާތާ ގުޅުންހުރި އެހެން ފަރާތްތަކުގެ ހައްގަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭ ކަމެއް ކަމަށާއި އެފަދަ ހާދިސާތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްގެން މެނުވީ ހާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަގަޅު އަސަރުތަކެއް މުޖުތަމައުއަށް ކުރާނޭކަމެއްކަމަށެވެ.
ޖިންސީ ގޯނާގެ ހާދިސާތަކާ ގުޅޭގޮތުން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރުމަށާއި ހާދިސާ ހިނގާދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި “ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން” އާއި “ބްރޯޑްކާސްޓަކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމަށް އަމަލުކުރަންވީ ގައިޑްލައިން” އާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ބްރޯޑްކާސްޓަރުންވެސް އަމަލުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށަފައެވެ.
ބްރޯޑްކޮމް އިން ވަނީ މި ހަމަތަކާ ހިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ ލީޑަރުންގެ އަބުރާ ގުޅުން ހުރި ކަމަކަށްވާތި ބުރޮޑްކާސްޓިން ކޮމިސަން ދުއްވައިގެންފި