ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކޯރެއްގައި ދެ އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 30 އަށް އަރައިފިއެވެ.
ބޫރީގަންގާ ކޯރުގައި 2 ފެރީއެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ގިނަ ބަޔަކު އަދިވެސް ވަނީ ގެއްލިފައެވެ.
މިހާދިސާ ހިނގާފައިވަނީ ބަންގަލަދޭޝްގެ އެންމެ ބައިބޯ ބަނދަރު ސަރަހައްދުގައި ދަތުރުފަތުރުގެ ބާރު އެންމެ ބޮޑުވާ ވަގުތުގައެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޑައިވަރެއް ކަމަށްވާ ޢަބްދުލް ޚައިރު ބުނީ، 30 މީހެއްގެ ހަށިގަނޑު ނަގާފައިވާއިރު އޭގެ ތެރޭގައި 7 އަންހެނަކާ، 3 ކުޑަކުއްޖެއްގެ ހަށިގަނޑުވެސް ހިމެނޭ ކަމަށެވެ.
ކޯސްޓްގާޑުގެ ތަރުޖަމާނު ހަޔާތު އިބްނު ސިއްދީގީ ވިދާޅުވީ، އެކްސިޑެންޓްވެ، ފެރީ އަޑިއަށް ދިޔައިރު އޭގައި 50 އަކަށް މީހުން ތިބި ކަމަށާ، ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށެވެ.
ނަމަވެސް، ފެރީގައި 100 އެއްހާ މީހުން ދަތުރުކުރި ކަމަށް، މި ހާދިސާއިން ސަލާމަތްވި މީހަކާ ހަވާލާދީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ބަންގްލަދޭޝްގެ އެތެރެވަރީގެ ދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ ގޯލާމް ސޯދިގު ވިދާޅުވީ، އަޑިއަށްދިޔަ އެއް ބުރީގެ ފެރީގައި އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ފަސެންޖަރުން ދަތުރުކޮށްފައި ނުވާ ކަމަށާ، އެ ފެރީ އަޑިއަށް ދިޔައީ ފަރުވާ ކުޑަވެގެން ކަމަށެވެ.
ގާތްގަނޑަކަށް 230 އަކަށް ކޯރު ހުރަސްކުރާ ބަންގްލަދޭޝްގައި މިފަދަ އެކްސިޑެންޓްތައް ހިނގުމަކީ އާންމު ކަމެކެވެ. ދަތުރުފަތުރު ކޮށް އުޅުމުގައި ފެރީގެ ނިޒާމަށް އިންތިހާއަށް ބަރޯސާވެފައިވާ ބަންގްލަދޭޝްގައި، ދަތުރުފަތުރުގެ ސަލާމަތްތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކަށަވަރުކޮށްދީފައި ނުވާ ކަމުގެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ.