ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަނިޔާ ލިބުނު ފަރާތުގެ ބަސް ހޯދުމަށާއި ކަން ހިނގައިދިޔަ ގޮތް އަނިޔާ ލިބުނު ފަރާތުގެ ދުލުން ކިޔައި ދިނުމުގެ ގޮތުން އެމީހާ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މި މައްސަލާގައި ކަން ހިނގާދިޔަ ގޮތް ބެލުމަށް މިއަދު ބޭއްވި ކޮމެޓީގައި އެ ގޮތަށް ހުށަހެޅީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. އޭނާގެ ހުށަހެޅުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ތާއީދު ކުރެއްވިއެވެ. އަދި ކޮމެޓީގެ އިއްތިފާގުން ހުށަހެޅުން ފާސްވިއެވެ.

ރޮޒެއިނާ ވަނީ އޭގެ އިތުރުން ސީނަށް ދިޔަ ފުލުހުންނާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖާ ބައްދަލުކުރުމަށް ވެސް ހުށަހަޅާފައެވެ. މިކަމުގައި އަނިޔާ ލިބުނު ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރުކޮށްދިނުމަށްވެސް ރޮޒެއިނާ ހުށަހެޅުއްވިއެވެ. ފުލުހުން އަމަލުކޮށްފައިވާ ގޮތް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބަލައި، އެކަން ކޮމިޓީއާ ހިއްސާ ކުރުމަށްވެސް ރޮޒެއިނާ ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލާގައި އަނިޔާ ލިބިފައިވާ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެހެން ހަބަރުތައް ފެތުރުމަށް މީޑިއާތަކަށް އެންގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް އެންގުމަށްވެސް ރޮޒެއިނާ ހުށަހެޅުއްވިއެވެ.

މިއަދުގެ ކޮމެޓީގައި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކި މީޑިއާތަކުގައި މި މައްސަލަ ރިޕޯޓު ކޮށްފައި އޮތްއިރު އެކި ގޮތް ގޮތަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި އޮތުމެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި މެދު އޮންނަ އިތުބާރު ގެއްލިގެން ދާނެ ކަމަށާއި މިފަދަ މައްސަލަތަކުގައި ތެދު މައުލޫމާތު ފެތުރުމަކީ މުހިއްމު ކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

ބައެއް މެންބަރުން ވަނީ މިކަމުގައި ފުލުހުން އަމަލު ކުރި ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އެހެންކަމުން މި މައްސަލަ އިތުރަށް ބަލާއިރު ފުލުހުންގެ އިސް ބޭފުޅުންގެ ބަސްވެސް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެޓީގައި މެންބަރުން ވަނީ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުން މި މައްސަލާގައި ޝާމިލުވާ ކަމަށްބުނެ ޖީހާންގެ ފޮޓޯ ބޭނުން ކޮށްގެން މީޑިއާތަކާއި ސޯޝަލް މީޑިއާތަކުގައި ޝުއޫރު ފާޅުކޮށްފައި ވާތީވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމުގައި ޖީހާންގެ ފުރިހަމަ އެއްބާރުލުން މަޖިލީހަށް ލިބެމުން އަންނައިރު އެއީ ކަންކުރެވޭނެ ގޮތެއް ނޫން ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

މިއަދުގެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުއެވެ. އޭނާ ވަނީ އެ މަސައްކަތް އެއްވެސް ފަރާތަކަށް ބުރަނުވެ ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށް ވާތީ ކޮމެޓީން ފާސްކޮށްފައިވާ ހުށަހެޅުންތަކާއި ގުޅޭ މަސައްކަތް މިއަދުން މިއަދަށް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން މިއަދު ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވެ ރޭޕް ކުރުމާއި ދެކޮޅަށް އަޑު އުފުލުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ މިކަމުގައި ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތް ކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 5:00 އެހާއިރު ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުން ފިލުވުމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި އެކު އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ ޑޮކްޓަރަށްވެސް ދައްކާފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.