ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރަނީ ސަރުކާރު ފެއިލްވެފައިވާތީ ކަމަށް އިދިކޮޅުން ބުނެފިއެވެ.
އިދިކޮޅިން ނެރުނުބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ އިތުރު 2 ދައުވާއަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި ކުއްލި ގޮތަކަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލުމުގެ ބެނުމަކީ ގައުމު ހިންގަން ތިބި ބައެއްގެ ނާގަބިލުކަމުން ގައުމުގެ އިސްތިސޯދު ހަލާކުވެ، އިޖުތިމާއީ ފޭރާން ވީދި ހަލާކުވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ގޮތަކުން ވެސް ސަރުކާރު ފެއިލްވަމުންދާތީ އެކަންކަމުން އަރައިގަތުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން އެވެރިންގެ ނެތުމުން ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނީ، ރައްޔިތުންގެ ހިތްހަމަނުޖެހުން އިންތިހާއަށް ބޮޑުވެ ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި ސަރުކާރު ވަނީ ނުކުޅެދިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށް ސަރުކާރު ހިންގާ ޕަޓީގެ އެކްޓިވިސްޓުންނަށް ރައްދުގައި ދައްކާނެ އެހެން ވާހަކައެއް ހޯދާދިނުމުގެ ބޭނުމުގައި ޔަމީންގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ބުނީ، މިފަހަކަށް އައިސް ރާއްޖޭގައި ބިދޭސީއަކު ރޭޕްކުރި މައްސަލާގައި ރޭޕް ކުރި މީހުންނަށް ދައުވާ ނުކޮށް ދޫކޮށްލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސީދާ އަތެއްވާކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގައި ހިތްހަމަނުޖެހުން ވެސް ސަރުކާރަށް ކުރިމަތިވަމުންދަތީ ކަމަށް ވެސް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް އިދިކޮޅުން ބުނެއެވެ.
އެ ބަޔާނުގައި ބުނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިހާރު އިއްވާފައިވާ ހުކުމަކީ އޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އެކުލެވިގެންވާ ހުކުމެއް ކަމާއި އެމަނިކުފާނު ޖަލުގައި ހައްޔަރުކުރެވިފައި ހުންނެވީ ނުހައްގުން ކަން ރާއްޖެއާއި ބޭރުގެ ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ރައީސް ޔާމީން ދޫނުކޮށް އިތުރު އަނިޔާ ދިނުމަށް ހިންގާ ސިޔާސީ ދައުވާއެއްކަން އެދައުވާ ކިޔަލުމުން ވަރަށް ބޮޑަށް ސާފުވާންވެސް އެބައޮތް ކަމަސް އިދިކޮޅުން ބުނެއެވެ. އިދިކޮޅުން ބުނީ، އެ ދައުވާއަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ދައުވާއެއްކަން ވެސް އެނގެން އެބައޮތް ކަމަށެވެ.