މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހަށް މި މައްސަލަ ހުށަހަޅާފައި މިވަނީ މައްސަލާގައި ޝާމިލުވާ މީހުން ހައްޔަރު ކުރުމަށްފަހު އެމީހުން ދޫކޮށްލުމުން އާއްމުން އެކަމާ ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން އެ މައްސަލައިގެ ޝާމިލުވާ މީހުންގެ ވަނަވަރު އާއްމު ކުރުމަށްވެސް އަންނަނީ ގޮވާލަމުންނެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ މަޖިލިސް މެންބަރެއްގެ ފިރިމީހާ ކަމަށްވެސް އަންނަނީ ބުނަމުންނެވެ.

ނޮޅިވަރަށް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ އެކަމުގައި ޝާމިލްވި މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ނުކުރެވޭ ކަމަށް ބުނެފައެވެ. އެ މައްސަލާގައި ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެ މައްސަލާގައި ސިޔާސީ ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒު އޮތުމާ އެކު އެކަން އެކަށީގެންވާ ގޮތަކަށް ބެލުމަކީ ދުރުކަމެއް ކަމަށްވެސް ނަޝީދު ހުށަހެޅުއްވި މައްސަލާގައި ވެއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތީ 35 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ އަށް ބަހުސް ކުރައްވަމުން މެންބަރުން ވަނީ މިކަމުގައި ފުލުހުން ކުރަމުން އަންނަ ތަހުގީގު ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ގެންދިއުމަށް ގޮވާލައިފައެވެ. އަދި މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށް މެންބަރުން ފާހަގަކުރެއެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތް ކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 5:00 އެހާއިރު ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުން ފިލުވުމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި އެކު އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ ޑޮކްޓަރަށްވެސް ދައްކާފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.