އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުދާތީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލުކުރުމުގެ ފުރުސަތަކަށް އިދިކޮޅު ކޯލިޝަނުން އެދިއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ހައިކޯޓުގެ އިސް ފަނޑިޔާރަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަމުން ދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހިނގައިދިޔަ ޝަރީއަތެއްގައި ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން ސިޔާސީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމަށް އެތައް ހާސް ރައްޔިތުން ގަބޫލު ކުރާއިރު ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވަމުން ގެންދަވާ ކޮންމެ ދުވަހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ އިންސާފުގެ ހައްގުން ރައީސް ޔާމީން މަހްރޫމް ވަމުންދާ ދުވަސްތަކެއް ކަމަށް އިދިކޮޅުން ފާހަގަކުރެއެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެފަހުން އަޑުއެހުމެއް ހައިކޯޓުގައި ނުބާއްވާތާ ތިން މަސް ދުވަސް ވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ހައިކޯޓުގެ އިސް ފަނޑިޔާރަށް ފޮނުވާފައިވާ ސިޓީގައި ވަނީ ދަށުކޯޓުން ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް އެތައްހާސް ދިވެހިރައްޔިތުން ގަބޫލު ކުރާ މައްސަލައެއްގައި ރައީސް ޔާމީން ކަފާލާތުގެ ދަށުންވެސް ގެއަށް ބަދަލުކުރުމުގެ ފުރުސަތު ނުލިބި އިސްތިއުނާފު މަރުހަލާ ދިގު ދެމިގެން ދިއުމަކީ ގައުމުގެ އަދުލު އިންސާފުގެ ދާއިރާއާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި ގައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީންގެ މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި އަދި އެ މައްސަލައާ ގުޅޭގޮތުން އެ ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭނުންވާތީ، ވީއެންމެ އަވަހަކަށް އިސް ފަނޑިޔާރާއި ބައްދަލު ކުރުމުގެ ފުރުސަތު ދެއްވުން އިދިކޮޅުން ވަނީ އެދިފައެވެ.
ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އާއި ގުޅޭ ގޮތުން ހައިކޯޓުގެ އިސް ފަނޑިޔާރާއި ބައްދަލުކުރުމަށް އެދިފައިވާއިރު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިއަދު ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް އުފުލުމަށްފަހު ކޯޓަށް ފޮނުވާފައެވެ.
ފަނޑިޔާރާ ބައްދަލު ކުރެވޭތަ