ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ކޮށްދޭނެ ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަމުންދާ ވެކްސިނެއް ކާމިޔާބު ވެދާނެ ކަމުގެ ނިޝާންތައް ފެންނަމުން ދާ ކަމަށް، ޗައިނާ ނޭޝަނަލް ބައޮޓެކް ގުރޫޕު (ސީއެންބީޖީ) އިން ހާމަކޮށްފިއެވެ.

ވީޗެޓް ޕްލެޓްފޯމްގައި ސީއެންބީޖީން ހާމަކޮށްފައިވާ މައުލުމާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ސިއްހީ ގޮތުން ދުޅަހެޔޮ ހާލުގައި ތިބި 1120 ބައިވެރިންގެ ތެރެއިން 2 ބައިކުޅަ 1 ބައި ބައިވެރިންގެ ހަށިގަނޑަށް ހައި-ލެވެލް އެންޓިބޯޑީތަކެއް ފޮނުވާލާފައިވާކަމާށެވެ. ނަމަވެސް މި މަރުހަލާގެ ނަތީޖާ ނިކުމެފައި ވާ ގޮތުގެ ތަފާސް ހިސާބުތަކެއް އެ ގުރޫޕުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އިން ދިފާއުވާނެ ވެކްސިނެއް ހޯދުމަށް ކުރަމުންދާ ބައިނަލްއަގުވާމީ މަސައްކަތުގައި، ޗައިނާގެ 8 ކެންޑިޑޭޓެއް ދަނީ ވާދަ ކުރަމުންނެވެ. ކޮވިޑް-19އަށް ވެކްސިނެއް ޗައިނާއިން ކާމިޔާބު ކުރުން އެކަށީގެންވާކަމަށް ބުނެވެއެވެ.

ސީއެންބީޖީއާއި ގުޅިފައިވާ، ޗައިނާގެ ދައުލަތުގެ އޯނާޝިޕް އޮންނަ ޗައިނާ ނޭޝަނަލް ފާމަސޫޓިކަލް ގުރޫޕު (ސީނޯފާމް)އިން މިމަހުގެ ކުރީކޮޅު ވަނީ، އެ ގުރޫޕުން ތަރައްގީ ކުރަމުންދާ ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ކާމިޔާބުވެދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

ވެކްސިނެއް ކާމިޔާބު ކަމަށް ކަނޑައަޅާނީ 3 ވަނަ މަރުހަލާގައިވެސް އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓު ކުރުމަށް ފަހުގައެވެ. މި މަރުހަލާއަކީ އެތައް ހާސް ބަޔަކު ބައިވެރި ކުރާ މަރުހަލާއެކެވެ. މި މަރުހަލާ ކާމިޔާބު ކުރުމުން މެނުވީ، އެއްވެސް ވެކްސިނެއް ބާޒާރަކަށް ނުނެރެވޭނެއެވެ.

ސީއެންބީޖީން ބުނީ 3 ވަނަ މަރުހަލާގެ ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ކަމަށެވެ.