ރިސޯޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުޅުއްވި ކަމަށް ބުނެ ދައުރުވަމުން ދާ ފޮޓޯއިން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކާ ގުޅިގެން އޮންލައިން ނޫސް "ދިޔަރެސް" ގައި ލިޔެފައިވާ ހަބަރެއްގައި، ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެންބަރެއްގެ އިތުރުން، އިތުރު ބަޔަކާ އެކު ރައީސް ގައިދުރުކަމެއް ނެތި ރިސޯޓެއްގެ މޫދުގައި ހުންނަވާ ކަމަށެވެ.

އެ ހަބަރާ ގުޅިގެން ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ފޮޓޯއިން ފެންނަނީ ރައީސް ސޯލިހް ނޫން ކަމަށާއި ކޮވިޑް19 ގެ ކަންކަން ފެށުނު ފަހުން ރައީސް އުޅުއްވާފައި ވަނީ މާލޭގައި ކަމަށެވެ. މީގެ އިތުރުން ހޫދު ވިދާޅުވެފައި ވަނީ އެކަން އެ ނޫހަށް ސާފުކޮށް ދެއްވުމުން ވެސް އެކަން ރަނގަޅު ކޮށްފައި ނުވާ ކަމަށެވެ.

ހޫދް ކުރެއްވި ޓްވީޓްގެ ސްކްރީން ޝޮޓެއް

މާލޭގައި އިއުލާނު ކުރި ފުރަބަންދަށް ލުއިތަކެއް ދީފައިވީ ނަމަވެސް މާލެއިން ބޭރަށް ދަތުރު ކުރުމުގައި ވަކި އުސޫލުތަކަކަށް ތަބާވުމަށް އެޗްޕީއޭއިން އަންގާފައި ވެއެވެ. އެގޮތުން މާލެއިން ބޭރު އެއްވެސް ތަނަކަށް ދެވޭނީ ކަރަންޓީނު ވެގެން ތިބުމަށް ފަހުގައެވެ.