ރޭޕްގެ ތުހުމަތު ކުރެވެނީ ކިތަންމެ ބާރުގަދަ ފަރާތެއް ނަމަވެސް މައްސަލަބަލައި ހައްގު އަދަބު ލިބެންވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް އެހެން ވިދާޅުވެފައި ވަނީ ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި ދެ ފިރިހެނަކު ވެގެން އަންހެނަކު ރޭޕް ކުރަން އުޅުނު ކަމަށް ބުނާ ހާދިސާ ހިނގާދިޔަ ގޮތް، އަންހެން ކުއްޖާ އާ ހަވާލާދީ އޮންލައިން ނޫހެއްގައި ލިޔެފައި އޮތް ލިޔުމާ ހަވާލާ ދެއްވައެވެ. އެ މައްސަލައާ ގުޅިގެން އުޝާމް ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އެކަން ހިނގި ގޮތް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށާއި އެއީ ކިތަންމެ ބާރުގަދަ ފަރާތެއް ނަމަވެސް، މައްސަލަބަލައި ހައްގު އަދަބު ލިބެން ވާނެ ކަމަށެވެ.

ރޭޕްގެ ޝިކާރައަކަށް ވި މީހާ ކިޔައި ދީފައިވާ ގޮތުގައި އޭނާ ސަފާރީގައި ހުއްޓާ ދެމީހަކު ވެގެން އޭނާ ރޭޕު ކުރުމަށް މަސައްކަތް ކުރުމުން ސަލާމަތް ވާން މޫދަށް ފުންލާލި ކަމަށާއި، އެ ދެމީހުން އޭނާ ގޮވައިގެން ހުޅުމާލެއަށް އަރަން އުޅެނިކޮށް ފެނުނީ ފުލުހުންނަށް ކަމަށް ބުނެފައި ވެއެވެ. އަދި ފުލުހުން މައްސަލަ ތަހުގީގު ކުރަން އުޅެފައި ތަހުގީގުގެ މަރުހަލާތައް ފަހުން ކުރިއަށް ގެންދާނެ ކަމަށް ބުނެ ގެއަށް ފޮނުވާލުމުން، ކޮންމެވެސް ފަރާތަކުން އޭނާއަށް އިންޒާރުގެ ކޯލް ލިބުނު ކަމަށާއި އަދި އެއްވެސް ވާހަކައެއް ނުދައްކާ ހުރުމަށް ބުނެ ބައި މިލިއަން ޔޫއެސްޑޮލަރުގެ ހުށަހެޅި ކަމަށްވެސް ބުނެފައި ބުނެފައި ވެއެވެ.

ފުލުހުންގެ މައްޗަށް މިހާބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު މިކަން ހިނގި ގޮތް ފުލުހުން ރައްޔިތުންނަށް ހާމަކޮށްދޭން ވާނެ. ކިތަންމެ ބާރުގަދަ ފަރާތެއް ނަމަވެސް، މައްސަލަބަލައި ހައްގު އަދަބު ލިބެންވާނެ.
އުޝާމް

އުޝާމް އެފަދައިން ވިދާޅުވެފައި ވާއިރު، ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެއީ އަދި ކޮންމެ މީހެއް ނަމަވެސް، ކިތަންމެ ބާރުގަދަ މީހެއް ނަމަވެސް ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށާއި އެއްވެސް އަންހެނަކު ރޭޕް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދިޔާނާ ވިދާޅުވިއެވެ. މައްސަލަ ބަލަން ތިބޭ ފަރާތްތަކުން އެކަމަށް ނުކުޅެދިވިފައި ވާނަމަ އެކަމަށްވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އުޝާމް އާއި ދިޔާނާ އެކަމަށް ވާހަދަ ދައްކަވާފައި ވާއިރު، އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނީ މީހެއްގެ ފިރިއަކު ކުރިއަސް، ބޭބެއަކު ކުރިޔަސް އަދި ބައްޕައަކު ކުރިޔަސް ރޭޕް ވާނީ ރޭޕަށް ކަމަށާއި ރޭޕް ކުރީ ކޮންމެ މީހަކު ނަމަވެސް އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ.

ރޮޒައިރާ ރައްދު ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު އަންހެން މެންބަރުން ކަމުގައިވާ، ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދާއި، މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން ރޮޒައިނާގެ ފޮޓޯ ލައިފައި އޮތް ޓްވީޓަކަށެވެ.

ރޮޒައިނާ ވިދާޅުވީ އެ ފޮޓޯތައް ޖަހައިގެން އެގޮތަށް މީސްމީޑިއާގައި ދައުރު ކުރުން ގޯސް ކަމަށާއި، އޭނާގެ ފިރިކަލުން "މީހަކު ރޭޕް ކޮށްފައި" ނުވާ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރުކުރި އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ނުވެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މީހުން ދޫކޮށްލާފައި ވީ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.