ރޭޕްކުރުމާއި ޖިންސީ ގޮނާފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރަކައަށްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތަކުން ވެސް ފުރިހަމައަށް ޒިންމާ އަދާކޮށްގެން ކަމަށް އިދިކޮޅުން ބުނެއެވެ.

މީގެއިތުރުން ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނަށް އެފަދަ ލާއިންސާނީ އަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް ގެއްލުން ކުރިމަތިވާނެ ކަމެއް ކަމަށްވާއިރު، އެކަން ކުރި ބަޔަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި އަދި މި އަމަލު ހިންގި ފަރާތްތަކުގެ ހަގީގަތް ހާމަކުރުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ގާނޫނުލް އުގޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ. މިކަމުގައި ވަކި އާއިލާއަކަށް ނުވަތަ މަގާމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރެވެންޖެހޭ. މިފަދަ ލާއިންސާނީ، އަނިޔާވެރި އަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށް ވެސް މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައި ތިބެގެން ވާނެ ބައެއް ނޫން
އިދިކޮޅު ކޯލިޝަން

ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވަނީ އިއްޔެއެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރީ 39 އަހަރުގެ ދެ ދިވެހި ދެ ފިރިހެނުންނެވެ. މިއަދު އެ ދެ މީހުން ދޫކޮށްލާފައި ވާއިރު، ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ތުހުމަތުވާ ދެ މީހުން ދޫކޮށްލާފައި ވަނީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.

ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށާއި ތަހުގީގު ކުރިއަށްދާ ވަރަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އެއީ ސަފާރީ އަށް ދިޔަ ދެ މީހެއް ކަމެއް ނުވަތަ އޭގައި މަސައްކަތް ކުރާ ބައެއް ކަމެއްވެސް ސާފެއް ނުވެއެވެ.