ދެ ފަހަރު ވެރިކަން ހޯދި ފުރަތަމަ ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 15 އަހަރު ފުރިއްޖެއެވެ.

އެމްޑީޕީއަކީ، ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައި ވަނީ 26 ޖޫން 2005 ގައެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީގެ ފިކުރު ސިޔާސީ ހަރަކާތެއްގެ ގޮތުގައި ފެށިގެން ދިއުންވީ ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރަސީގެ ހަޔާތް ރާއްޖޭގައި ފެށުމުގެ އަސްލެއްކަމުގައި ކަމަށެވެ. އެ ޕާޓީން ބުނީ، އެ ޕާޓީފަދަ ހިތްވަރާއި، އަޒުމާއި، ކާމިޔާބީއާއި، އުއްމީދު އެކުލެވިގެންވާ ދެވަނަ ސިޔާސީ ހަރަކާތެއް ރާއްޖޭގައި ނެތް ކަމަށާއި އެކަމުގެ ހަގީގަތަކީ އެ ޕާޓީ ބިނާބެގެންވާ ފަލްސަފާއާއި އަސާސްތައް ކަމަށެވެ.

އެމްޑީޕީ މެންބަރުން ދަނީ އަހަރީ ދުވަހުގެ ތަހުނިޔާ ސޯޝަލް މީޑީއާގައި ކިޔަމުންނެވެ. އެގޮތުން، ރީކޯ މޫސާ ވަނީ އެމްޑީޕީއަށް 15 އަހަރު ވިޔަސް، 50 އަހަރު ވިޔަސް އެތައްބައެއްގެ ގުރުބާނީ، ކާމިޔާބާ، ކުރިއެރުން ދެމި އޮންނާނީ މާޒީގެ އުފެއްދުންތެރިން ކުރި ހިތްވަރާ އެކު ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެސީއަކީ ކާބަފައިން ތަހައްމަލުކުރި އަނިޔާތަކަކާއެކު ދަރިންވެސް ހިތްވަރުކޮށްގެން ހޯދި އެއްޗެއް ކަމަށެވެ. މިހެން ވިދާޅުވެ މޫސަ ވަނީ އެމްޑީޕީގެ އެއް ފައުންޑާ، ގޯގޯ ލަތީފަށް މަރުހަބަ ދަންނަވާފައެވެ.

އެމްޑީޕީ މެންބަރުންގެ އިތުރުން މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުން ވެސް ވަނީ ދުވަހުގެ ތަހުނިޔާ އެ ޕާޓީއަށާއި ޕާޓީގެ މެންބަރުންނަށް އަރިސްކޮށްފައެވެ. އެގޮތުން ނައިބުރައީސް ފައިސަލް ނަސީމް ވަނީ، އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ޕާޓީގެ އިސްވެރިންނަށާއި ލޮބުވެތި މެމްބަރުންނަށް ދަނަނަވާފައެވެ.

އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތިން ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެފައި ވެއެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ކަމަށް އެ ޕާޓީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރައްވާފައިޗވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިންތިހާބު ކޮށްފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ކުރިން އޮތްގޮތުން ނަމަ އެޕާޓީއަށް ނިސްބަތްވާ ފަރާތަކުން ރައީސްގެ މަގާމު ފުރުއްވި ނަމަވެސް އެބޭފުޅަކަށް ޕާޓީގެ ރައީސް ކަމުގައި ހުރެވެއެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުން އެ އުސޫލު ބަދަލުކޮށް ޕާޓީގެ އެތެރޭގެ އިންތިހާބު ކާމިޔާބުކޮށް، މިހާރު އެ ޕާޓީގެ ރައީސަކީ ރައީސް ނަޝީދެވެ. ރައީސް ސޯލިހަކީ އެ ޕާޓީގެ އިސް ލީޑަރެވެ.

ރައީސް ސޯލިހް ވެސް ވަނީ އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެމްބަރުންނަށް އަރިސް ކުރައްވާފައެވެ.

ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއްގެ އިތުރުން އަދި މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވެސް އެޕާޓީގެ އެންމެ ޕޮޕިއުލާ ލިީޑަރެވެ. ނަމަވެސް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ޕާޓީގެ މެންބަރުންނަށް އެމަނިކުފާނު ތަހުނިޔާ އަދި ވިދާޅުވެފައެއް ނުވެއެވެ.