މިނިވަންކަމާ ހައްގުތަކަށް ވަކާލާތު ކުރުމަށް ދިވެހިރާއްޖޭގައި ހަރަކާތްތެރި ވަމުން ދާ 'އުތެމަ' ޖަމާއަތުގެ ދިފާއުގައި، ހިއުމަން ރައިޓްސް ވޮޗްއިން ތެދުވެއްޖެއެވެ.

'އުތެމަ'ގެ ފިކުރާ ހިޔާލު ތަފާތު ވި ބަޔަކު، އެ ޖަމިއްޔާ އުވާލުމަށް ވަކާލާތު ކުރަމުންދާ މިދަނޑިވަޅުގައި ހިއުމަން ރައިޓްސް ވޮޗްއިން، 'އުތެމަ'ގެ ދިފާއުގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ 'އުތެމަ'އާ ދެކޮޅަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން ދަނީ އިސްލާމް ދީނާ ގުޅުން ހުރި ހަރުކަށި ފިކުރުގެ ގުރޫޕުތަކަކުން ކަމަށާ، ނަމަވެސް މި ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރު ފެއިލްވެފައި ވާ ކަމަށެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ގުރޫޕުތަކަކީ 'ގޭންގު' ތަކެއްގެ ގޮތުގައި ހިއުމަންރައިޓްސް ވޮޗްގެ ބަޔާނުގައި ފާހަގަކޮށްފައި ވާއިރު، މި ގުރޫޕުތަކުން ފާޑުކިއުމާ، ފުރައްސާރައާއި، ހަމަލާތައް އަމާޒު ކުރަމުންދާ ކަމަށާ، އެ ގުރޫޕުތަކުގެ 'ހިތް ރުއްސަން' ސަރުކާރުން އުޅުމުގެ ބަދަލުގައި، ޒިންމާ އުފުލަންޖެހޭ ފަރާތްތަކުގެ މައްސަލަ ބަލަންޖެހޭ ކަމަށްވެސް ހިއުމަންރައިޓްސް ވޮޗްއިންވަނީ ގޮވާލާފައެވެ.

އިންސާނީ ހައްގުތަކުގެ ދިފާއުގައި ނިކުންނަ ފަރާތްތަކަށް އަމާޒު ކުރަމުންދާ ހަމަލާތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށްވެސް ހިއުމަންރައިޓްސް ވޮޗްއިން ވަނީ ގޮވާލާފައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓް ދިފާއުކޮށް އަދި އިސްލާމް ދީނަށް ފުރައްސާރަކޮށްފއި ވާކަމަށް ބުނެ އުތެމަ ޖަމިއްޔާއިން ބަޔާނެއް ނެރެފައި ވާތީ، އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭހެ އިލްމުވެރިންގެ ޖަމިއްޔާއިންވަނީ ގޮވާލާފައެވެ.

އުތެމަ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާއާއި ގުޅޭގޮތުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާ، އެ ކަމާ ދޭތެރޭ ކަންބޮޑުވާ ކަމަށެވެ.

އިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އުތެމަ ޖަމިއްޔާއިން، ލާދީނީ ކަންކަމަށް ހިތްވަރުދީ ދިވެހި ފަސްގަނޑުގައި އެފަދަ ކަންކަން އާލާކުރުމަށް ބާރުއަޅައި ހިންގަމުން ގެންދާ އަމަލުތައް ކުށްވެރިކުރާ ކަމަށާއި އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭ ކަމަށެވެ.