ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން، ސްޓޭޓިން ޑްރަގްސް ނުވަތަ ހިތުގެ ބަލީގެ ނުރައްކާ ބޮޑު މީހުންގެ ހަށިގަނޑުގައި ކޮލަސްޓްރޯލް ދަށްކޮށް، ކޮންޓްރޯލް ކުރުމަށް އާންމުކޮށް ބޭނުންކުރާ ބޭސްތައް ބޭނުން ކުރާ ފަރާތްތަކާ، އެފަދަ ބޭސް ބޭހެއް ބޭނުން ނުކުރާ ފަރާތްތަކާ އަޅާ ބަލާއިރު، ސްޓޭޓިން ޑްރަގްސް ބޭނުން ކުރާ މީހުންގެ ކިބައިން އެދެވޭ ނިޝާންތަކެއް ފެނިފައިވާކަމަށް ޗައިނާގައި ކުރި ދިރާސާއެއް ބުނެފިއެވެ.

ސިއްހީ ލިޔުންތައް ޝާއިއު ކުރަމުން އަންނަ ޖާނަލްއެއް ކަމަށްވާ 'ސެލް މެޓަބޮލިޒަމް' ގައި އާންމުކޮށްފައިވާ ދިރާސާ ރިޕޯޓް ބުނާ ގޮތުގައި، ސްޓޭޓިން ޑްރަގްސް ބޭނުން ކުރާ މީހުންނަށް ކޮވިޑް-19 ޖެހި ވެންޓިލޭޓަރަށް ލާންޖެހިދާނެ މިންވަރު ކުޑައެވެ. އަދި މިފަދަ މީހުން، ކޮވިޑް-19ގައި މަރުވެދިއުމުގެ ފުރުސަތުވެސް ކުޑައެވެ.

ނުރައްކާތެރި 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޮތް ހާލުބޮޑު މީޙަކަށް ފަރުވާ ދެނީ/ފޮޓޯ: އޭޕީ ފޮޓޯ

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހުންނަށް ބަލާއިރު، ސްޓޭޓިން ޑްރަގްސް ބޭނުންކުރާ މީހުންގެ ތެރެއިން މި ބަލިމަޑުކަމުގައި މަރުވެދިޔައީ 5.5 ޕަސެންޓް މީހުން ކަމަށާ، ސްޓޭޓިން ޑްރަގްސް ބޭނުން ނުކުރާ މީހުންގެ 6.8 ޕަސެންޓް މީހުން މަރުވެދިޔައީ މި ބަލީގައި ކަމަށްވެސް މި ދިރާސާ ރިޕޯޓްއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިއީ ސްޓޭޓިން ޑްރަގްސް ބޭނުން ކުރާ މީހުންނަށް ކޮވިޑް-19އަށް އިންތިހާއަށް ނުރައްކާ ވެދާނެ ކަމުގެ ނުތަނަވަސްކަމާ، ހާސްކަމުގެ ތެރޭގައި ތިބި މީހުންނަށް ލިބުނު އުއްމީދީ ޚަބަރެކެވެ.

މި ދިރާސާއަކީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ހޫބޭ ޕްރޮވިންސްއިން މި ބައްޔަށް ޕޮޒިޓިވްވި 14000 އެއްހާ ޕޭޝަންޓުންގެ މައުލޫމާތު މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ދިރާސާއެކެވެ.

ކަންމިހެން އޮތްއިރު، ސްޓޭޓިން ޑްރަގްސް ބޭނުން ކުރުމަކީ ކޮވިޑް-19 އިން ސަލާމަތްވުމަށް އިތުރު ހިމާޔަތެއް ދޭ ކަމެއްކަމަށް ވޫހާން ޔުނިވާސިޓީން ކުރިއަށް ގެންދިޔަ ދިރާސާގައި ބުނެފައެއް ނުވެއެވެ. އަދި މިކަމާ ބެހޭ ގޮތުން ޑަބްލިއުއެޗްއޯއިންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޓަލީވިލާތުގެ ރޯމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 ޕޭޝަންޓަކަށް ފަރުވާ ދެނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ފާހަގަކުރަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ކޮވިޑް-19ގެ ރިސްކު ކެޓަރީގައި، ސްޓޭޓިން ޑްރަގްސް ބޭނުންކުރާ މީހުން ފަރުވާ ހޯދާ ބަލިތައް ހިމެނޭކަމެވެ. އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން ރޭގެ ވަގުތެއްގައި އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ ބޮޑުވާ ހަމައެކަނި ގުރޫޕަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ބުނެވެން ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

ސީޑީސީގެ ރިސްކު ކެޓަގަރީތައް

  • ކިޑްނީގެ ދާއިމީ ބަލި
  • ނޭވާލާ ނިޒާމުގެ ދާއިމީ ބަލި
  • އޮބީސިޓީ/އާދަޔާ ހިލާފަށް ފަލަވުން (ބީއެމްއައި 30 އަށްވުރެ މަތި)
  • އޯގަން ޓްރާންސްޕްލާންޓް ކުރުމުގެ ސަބަބުން ދިފާއީ ނިޒާމަށް ގެއްލުންތަކެއް ލިބުން
  • ހިތުގެ ސީރިއަސް ބަލިތައް
  • ސިކަލް ސެލް ޑިޒީޒް
  • ޓައިޕް 2 ޑައިބީޓީޒް (ހަކުރު ބަލި)

ކޮވިޑް-19 އަށް ފަރުވާއެއް އަދި ހޯދިފައި ނުވާއިރު، ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.