ހަރުކަށި ފިކުރުގެ ގައިދީން އެހެން ގައިދީންނާ ވަކިން ބައިތިއްބަން ވަކި ޔުނިޓެއް ގާއިމްކޮށް އެތަނަށް ދޮޅުމަސް ފަހުން ބަދަލުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ ރައްޔިތުންްގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މީގެކުރިން ޖަލުތަކުގައި ހަރުކަށި ފިކުރުގެ ގައިދީން ބައިތިއްބާފައި ތިބެނީ، އެހެން ގައިދީންނާ އެކުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ. ނަމަވެސް މިހާރު އެފަދަ މީހުންނާ އެހެން ގައިދީން ވަކިކުރެވޭނެ އެންމެ ބޮޑަކަށް ވަކިކޮށްފައިވާ ކަަމަށެވެ. ހަމައެއާއެކު މިހާރު ދަނީ ޖަލުގައި އެފަދަ ގައިދީން ބަހައްތާނެ ހާއްސަ ޔުނިޓެއް އަޅަމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން އަޅަމުން ދިޔަ ޔުނިޓުގެ މަސައްކަތް މަޑުޖެހިފައިވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރެން ފެށުމާއެކުގައި ކަމަށާއި އެހެން ނޫންނަމަ އެ ޔުނިޓް މީގެ މަހެއްހާ ދުވަސްކުރިން އަޅާ ނިމި އެ ގައިދީން އެތަނަށް ބަދަލު ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. ކޮވިޑާ ގުޅިގެން ހަރުކަށި ފިކުރުގެ ގައިދީން ބެހެއްޓުމަށް ހަދަމުންދާ ޔުނިޓް އެޅުން މަޑުޖެހިފައިވީ ނަމަވެސް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި އެ ޔުނިޓުގެ މަސައްކަތް ނިންމާ އެތަނަށް ގައިދީން ބަދަލު ކުރެވޭ ވަރު ވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ފަދަ ގައިދީންނަށް ހިންގަން ހާއްސަ ޕްރޮގްރާމްތަކެއްވެސް ރާވަމުންދާ ކަމަށާއި އަދި އެކަމުގެ މަސައްކަތް ބޭރުގެ ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ކުރަމުން ގެންދާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިއްޔެ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން، މިހާރު ގައިދީން ބަލަހައްޓަމުން ދަނީ ހަތަރު ޖަލެއްގައި ކަމަށެވެ. އެ ޖަލުތަކުގެ ޖާގައަކީ ގާތްގަނޑަކަސް 1300 މީހުން ނަމަަވެސް، ޖަލުތަކުގެ އާބާދީ 1800 އަށް އަރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ އާބާދީ މަދުކުރުމަށް، އަދި ހެދޭ ޖަލިތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގައުމީ ރިހެބިލިޓޭޝަން ފްރޭމްވޯކެއް ހެދުމުގެ މަސައްކަތް، ޔުނިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއެކު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.