ފަތުރުވެރިކަން އަލުން ހުޅުވާލާއިރު، އިތުރު ފީއެއް ނުނަގަން ނިންމީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ސްޓޭކްހޯލްޑަރުންގެ އިއްތިފާގުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ހުޅުވުމުގެ ގައިޑްލައިންގެ މަސައްކަތަކީ މިފަހަކަށް އައިސް އެންމެ ގިނަ ފަރާތްތަކެއްގެ މަޝަވަރާއާއި ހިޔާލު ހޯދައިގެން ކުުރެވުނު އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ.

އަޅުގަނޑަށް ދަންނަވާލަން ކެރިދާނެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ސްޓޭކްހޯލްޑަރުންގެ އިއްތިފާގަށް އަދި ރައީސް ފަހުން އުފައްދާފައިވާ ޓޫރިޒަމް ރިކަވަރީ ޓާސްކް ފޯހުގެ މަޝްވަރާއާއެއްކޮށް މި ނިންމުން ނިންމާފައި އޮތީ
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ، ސިނާއަތުގެ ހުރިހާ ސްޓޭކްހޯލްޑަރުންގެ މަޝްވަރާއިން އިއްތިފާގުވީ، ރާއްޖެ ހުޅުވާލަން ވާނީ ފަތުރުވެރިންނަށް ރާއްޖެ ކުރިން ވެސް ފެނުނު ގޮތަށް ކަމަށެވެ. އެއީ އިތުރު ފީ ތަކަކާ ނުލާ، އިގްތިސޯދީ ގޮތުން ހީނަރުކަމެއްގައި ތިބެފަ، ނިކުމެ ދަތުރުކުރާ ފަތުރުވެރިންނަށް އެންމެ ރައްކާތެރި، އެންމެ ކަމުދާ އަދި އެންމެ ރަހުމަތްތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެގޮތަށް ވިސްނާފައި، ވަގުތީގޮތުން ބޮޑެތި އަގުތަކުގައި ވަގުތުން ވަގުތަށް ބަޖެޓަށް ލާރި ހޯދުމުގެ ބަދަލުގައި ދިގު ރާސްތާގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ގޮތަކަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުރިން ފަތުރުވެރިން އަތުން އިތުރު ފީއެއް ނެގުމުގެ ވާހަކަ ދެކެވިގެން ދިޔައީ، އެންމެ ފުރަތަމަ އާންމުވި ޓޫރިޒަމް ހުޅުވުމުގެ ގައިޑްލައިންގެ ޑްރާފްޓް ދެލި ކޮޕީގައިވާ ގޮތުން ކަމަށެވެ. އެ ޑްރާފްޓުގައި އޮތީ މި އަހަރު މެދު ތެރޭގައި ބޯޑަރު ނުހުޅުވިދާނެ ހާލަތަކަށް ދިޔަޔަސް، ކަރަންޓީން ޓޫރިޒަމެއްގައި ވެސް ފަތުރުވެރިކަން ކުރިއަށް ގެންދެވިދާނެ ގޮތްތައް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުން ދެއްކި ހިތްވަރާއި، އެއްބައިވަންތަ ކަމުން އަންދާޒާ ކުރި ގޮތްތަކަށް ވުރެ ރަނގަޅަށް ނަތީޖާ ނުކުމެގެން އައިސްފައި ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ފުރަތަމަ އަންދާޒާ ކުރީ 20000 މީހުން މަރުވެދާނެ ކަމަށާއި، ދެވަނައަށް އަންދާޒާ ކުރީ 5000 މީހުން މަރުވެދާނެ ކަމަށް ކަން ފާހަގަ ކުރައްވާ އަލީ ވަހީދު ވަނީ ރާއްޖޭގެ ހާލަތު އެއަށް ވުރެ ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ޖުލައިގައި ފަތުރުވެރިކަން ހުޅުވިޔަސް، ރާއްޖެއަށް ބޮޑު ލޯޑެއްގައި ފަތުރުވެރިން އަންނަން ފަށާނީ ސެޕްޓެމްބަރު އޮކްޓޫބަރުގެ ސީޒަން ފެށިގެންދާ ހިސާބުގައި ކަމަށެވެ. އަދި އެއީ އެހެން ގައުމުތަކަށް އިތުރު ސާޖެއް ނާންނަ ކަމުގައި ވަނީނަމަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އަންނަ އަހަރު ފަތުރުވެރިކަން ކުރިއަރައިގެން ދިޔަ ނަމަވެސް އެއްކޮށް ރީބައުންޑެއް އަންނާނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި އެބަހުރި ރާއްޖެ ކަހަލަ އެތައް މަންޒިލެއް. އެމީހުން ވެސް ހޯދަން އުޅޭނީ މި މަދު ފަތުރުވެރިން. ހަގީގަތުގައި އެއް ކޭކު ފޮތިން އެންމެން ބައިބައި އަޅަން މި ޖެހެނީ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު

މީގެ އިތުރުން، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ބަލިމަޑުކަމުން އަރައިގަންނަ އިރު، ދަތުރުކުރަން ފަށާނީ މަދުބައެއް ކަމަށާއި، ފަތުރުވެރިކަން ފެށިގެން އަންނާނީ މަޑުމަޑުން ކަމަށް ގިނަ މާހިރުން ދެކޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ރާއްޖެ ކަހަލަ އެތައް މަންޒިލެއް ހުރިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އެމީހުން ވެސް ހޯދަން އުޅޭނީ ދަތުރުކުރާ މަދު ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ބަލާއިރު ރާއްޖެ ތަފާތުވާން ޖެހޭ ކަން ފާހަގަ ކުރައްވާ ތޮއްޔިބު ވިދާޅުވީ، ސްޓޭކްހޯލްޑަރުން ލަފާ ދިނީ އިތުރު ފީއެއް ނުނަގާ، ހެލްތް ޕްރޮޓޮކޯލްސް ކޮމްޕްރޮމައިޒް ނުކޮށް ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށަ ކަމަށެވެ.