އިންސާނީ ހައްގުތަކާ ބެހޭ މުހިންމު ދެ މުއާހަދާއެއް ރާއްޖެއިން ތަސްދީގު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާދެއްވައިފިއެވެ.

ރާއްޖެއިން ތަސްދީގު ކުރުމަށް ނިންމި 2 މުއާހަދާއަކީ، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރް) އަދި އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)އާ ބެހޭ މުއާހަދާއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާއެކު އިންސާނީ ހައްގުތަކާ ބެހޭ މުހިންމު ދެ މުއާހަދާއެއް ރާއްޖެއިން ތަސްދީގު ކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް ހުށަހެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.

ރައީސް ސޯލިހް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅުއްވި 2 ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރް)

އޯޕީއައިސީއީއެސްސީއާރް މުއާހަދާ އަކީ އިންޓަ ނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އައިސީއީއެސްސީއާރު)ގެ ދަށުން ކަށަވަރުކޮށްދޭ އިގްތިސޯދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ގުޅޭގޮތުން ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަކި ވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ލިއްބައިދޭ މުއާހަދާއެކެވެ. އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމުގައިވަތީ، އެންމެ ފުރިހަމަ މާނައިގައި އައިސީއީއެސްސީއާރަށް އަމަލުކުރުމަށްޓަކައި މިމުއާހަދާ ތަސްދީގު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އޯޕީއައިސީއީއެސްސީއާރް މުއާހަދާ ފާސްކޮށްފައި ވަނީ، އދގެ އާންމު މަޖިލީހުން 2008، ޑިސެމްބަރު 10 ގައެވެ. އަދި މި މުއާހަދާ ސޮއިކުރުމަށް ގައުމުތަކަށް ހުޅުވާލާފައިވަނީ، 2009، ސެޕްޓެމްބަރު 24 ގައެވެ. ރާއްޖެއިން މި މުއާހަދާގައި 2011، ސެޕްޓެމްބަރު 21 ގައި ސޮއިކޮށްފައިވީ ނަމަވެސް ރާއްޖެއިން އަދި މުއާހަދާ ތަސްދީގު ކޮށްފައެއް ނުވެއެވެ. މިއަދާ ހަމައަށް މިމުއާހަދާ ތަސްދީގުކޮށްފައި ވަނީ މިމުއާހަދާގައި ސޮއިކޮށްފައިވާ 45 ގައުމުގެ ތެރެއިން 24 ގައުމަކުންނެވެ.

އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)

ސީއީޑީ މުއާހަދާ ތަސްދީގު ކުރުމުން، ދިވެހިރާއްޖެއިން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ދޭ އަހައްމިއްޔަތުކަން އިތުރަށް ހާމަވެ، ރާއްޖޭގެ އިހްތިސާސްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ސީއީޑީ މުއާހަދާ އެޑޮޕްޓްކޮށްފައި ވަނީ 2006، ޑިސެމްބަރު 20 ގައި އެމެރިކާގެ ނިއުޔޯކުގައެވެ. އެ މުއާހަދާއަށް އާންމުކޮށް އަމަލުކުރަން ފަށާފައި ވަނީ 2010، ޑިސެމްބަރު 23 ގައެވެ. އަދި ރާއްޖެއިން މި މުއާހަދާގައި ސޮއިކޮށްފައި ވަނީ، 2007، ފެބްރުއަރީ 6 ގައެވެ. މި މުއާހަދާގައި މިހާތަނަށް 98 ގައުމަކުން ސޮއިކޮށްފައި ވާއިރު، މުއާހަދާ ތަސްދީގުކޮށްފައި ވަނީ 62 ގައުމަކުންނެވެ.

ސީއީޑީ މުއާހަދާ ރާއްޖެއިން ތަސްދީގުކޮށް އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ގައުމުގެ ގާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައެޅިގެން ދިއުމުން، އިންސާފު ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މި ކަރުދާސް ހުށަހަޅުއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ރައީސް ކަމުގެ ގާނޫނީ ހުވާކުރެއްވުމަށްފަހު، ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް އެފަރާތްތަކަށް ހޯދައި ދިނުމާއި، ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށް ދެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާނެ ކަމެއްކަމަށްވަނީ ވިދާޅުވެފައެވެ.