ބޭރުގެ ފަސް ގައުމުތަކަށް ސަފީރުން އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރީން ބުނީ ބޭރުގެ ބައެއް ޤައުމުތަކަށް ސަފީރުން ކަނޑައެޅުމަށް ބޭފުޅުންގެ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފައިވާ ކަމަށެވެ.

މަގާމަށް އައްޔަންކުރުމަށް މިއަދު ނަން ފޮނުއްވި ހުރިހާ ބޭފުޅުންނަކީވެސް މިހާރުވެސް ފޮރިން ސާވިސްގައި މަސައްކަތްކުރައްވާ ކެރިއާ ޑިޕްލޮމެޓުންނެވެ.

އެގޮތުން ނަންތައް ފޮނުއްވި ބޭފުޅުންނަކީ:

1. ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައިމިނަތު ޝަބީނާ (މިހާރު އިންޑިއާގައި ހުންނަ ދިވެހި އެކްޓިން ހައިކޮމިޝަނަ )

ޝަބީނާ އަކީ ފޮރިން ސާވިސްގައި 26 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތައުލީމީގޮތުން މާސްޓަސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވަނީ ހާސިލް ކުރައްވާފައެވެ.

2. އިންޑިއާއަށް ކަނޑައަޅުއްވާ ރާއްޖޭގެ ސަފީރުކަމަށް ޑރ. ހުސެން ނިޔާޒް (މިހާރު ޔޫ.އޭ.އީގައި މިހާރު ހުންނަވާ ދިވެހި ސަފީރު)

ނިޔާޒަކީ ފޮރިން ސާވިސްގައި 14 އަހަރާ 8 މަސްދުވަސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތައުލީމީގޮތުން ވަނީ ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

3. ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޝިރުޒިމަތު ސަމީރު (މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މިހާރުގެ އެޑިޝަނަލް ސެކްރެޓަރީ)

ޝިރުޒިމަތު އަކީ ފޮރިން ސާވިސްގައި 12 އަހަރާ 3 މަސް ދުވަސް މަސައްކަތް ކުރައްވާ، މާސްޓަސް އިން ސޯޝަލް ސައިންސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

4. ޕާކިސްތާނަށް ކަނޑައަޅުއްވާ ދިވެހރާއްޖޭގެ ސަފީރުކަމަށް ފަރްޒާނާ ޒާހިރު (މިހާރު ނިއުޔޯކްގައި ހުންނަ އދއަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބު)

ފަރްޒާނާ އަކީ ފޮރިން ސާވިސްގައި 19 އަހަރާ 5 މަސް ދުވަސްމަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މާސްޓާސް އިން ޑިވެލޮޕްމެންޓް ސްޓަޑީޒް ހާސިލްލުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ.

5. ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބުކަމަށް ޑރ. އާސިމް އަހްމަދު (މިހާރު ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް)

ޑރ.އާސިމަ އަކީ ފޮރިން ސަރވިސްގައި 1 އަހަރާ 3 މަސްދުވަސް މަސައްކަތް ކުރެއްވުމުގެ އިތުރުންޔުނިސެފް އާއި .އެލް.އޯ-ޔޫއެން އެސްކެޕްގައި މަސައްކަތްވެސްކުރެއްވި ބޭފުޅެކެވެ. ތައުލީމީގޮތުން ވަނީ ޕީއެޗްޑީ ހާސިލްކުރައްވާފައެވެ،

އަލަށް އައްޔަންކުރެވޭ ސަފީރުންނާއެކު ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން އުފެދިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ނުވަ ބޭފުޅުންނަކީ އަންހެން ބޭފުޅުންނަށް އަދި ނުވަ ބޭފުޅުންނަކީ ފިރިހެން ބޭފުޅުންނަށް ވާނެއެވެ.

އަންހެން ބޭފުޅުން މިޝަންތަކުގެ އިސްވެރިންގެ ގޮތުގައި ދެން ތިއްބަވާނީ ޕާކިސްތާން، މެލޭޝިއާ، ޗައިނާ، ބަންގްލަދޭޝް، ޔޫއޭއީ، އިނގިރޭސިވިލާތް އެ ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގަޔާއި، ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލް ޖެނެރަލް އާއި، ނިއުޔޯކްގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ އިތުރުން ތައިލެންޑްގައި ހުންނަ ޔޫއެން އެސްކެޕް އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.