ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ރާސްތާއަށް ބަލާއިރު، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި އާންމު ސިއްހަތުގެ ދާއިރާއަށް ނޫންކަމަށާ، ނަމަވެސް ދިގު މުއްދަތުގެ ތަރައްގީއަށްވެސް މި ބަލިމަޑުކަމުގެ ސަބަބުން، ނޭދެވޭ، ސީރިއަސް އަސަރުތަކެއް ކުރާނެ ކަމަށް ދިވެހިރާއްޖޭގައި ހުންނަވާ އދގެ ކުޑަކުދިންގެ ޖަމިއްޔާ (ޔުނިސެފް)ގެ މަންދޫބު ޑރ މުނީރު ސަފީލްދީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދެކުނު އޭޝިއާގެ ކުޑަކުދިންނަށް ކުރިމަތިލާންޖެހިފައިވާ ތަކުލީފުތަކާ، އެކުދިންގެ ކުރިމަގު ލަފާކޮށް ޔުނިސެފުން އެކުލަވާލާފައިވާ ރިޕޯޓްގައި ދިވެހިރާއްޖެއާއި ބެހޭ ގޮތުން ޑރ މުނީރު ސަފީލްދީން ވަނީ، މި ހިނގާ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖޭގައި ހިމަބިހި ފެތުރިގެންދާން ފެށިގެން މިއަދު ދިވެހިން ހަނދާން ނެތިފައިވާކަން ފާހަގަކުރައްވާފައެވެ.

މިމޭރުމުން ޔުނިސެފްގެ މަންދޫބު ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން އައުމާއެކު ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ ފުރިހަމަ ސަމާލުކަން ހުއްޓިގެން ދިޔައީ މި ބަލިމަޑުކަމަށް ކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން، ސިއްހަތާ ގުޅުން ހުރި ކުރިޓިކަލް އެހެން ދާއިރާތަކުން ނޭދެވޭ އަސަރުތަކެއް ފެންނަން ފެށިކަން މަންދޫބު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ، އެ ސިނާއަތެއްގެ މައްޗަށް އިންތިހާއަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައުމާއެކު، އެކަމުގެ ނޭދެވޭ އަސަރުތައް ކުރަން ފަށާފައިވާ ކަންވެސް ޔުނިސެފްގެ މަންދޫބު ވަނީ ފާހަގަކުރައްވާފައެވެ.

ލޮކްޑައުނަށް ލުއި ދިނުން: ކުޑަކުދިންގެ ދެ ގަޑިއިރު / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ އަމުރާއެކު ފާއިތުވި ދުވަސްތަކުގައި ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި މަންޒަރު ފެނިގެންދިޔަ ކަމަށާ، ރައްކާތެރި ކަމާއެކު ފޯރުކޮށްދެވޭ އަސާސީ ސިއްހީ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު މިހާރުން މިހާރަށް ތަނަވަސްކޮށްދެވެން ޖެހޭ ކަމަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އދގެ ކުޑަކުދިންގެ ޖަމިއްޔާ (ޔުނިސެފް މޯލްޑިވްސް) އިން ވަނީ ދަ ޕްރެސްއިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބުދާރީވަމުން ގޮވާލާފައެވެ.

ދަ ޕްރެސްއިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބުދާރީވަމުން ޔުނިސެފް މޯލްޑިވްސްއިން ބުނީ ރައްކާތެރި ގޮތުގައި ފޯރުކޮށްދެވޭ އެންމެ ފުރިހަމަ އަސާސީ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު މިހާރުން މިހާރަށް ތަނަވަސްކޮށްދޭން ޖެހޭ ކަމަށާ، ނޫންނަމަ ކުޑަކުދިންގެ ސިއްހަތާ އެކުދިންގެ ހެދިބޮޑުވުމާ ގުޅިގެން ދިވެހިރާއްޖެއިން މިހާތަނަށް ހޯދި ކުރިއެރުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާތަން ފެންނަން ފަށާފާނެ ކަމަށެވެ.

ހެލްތް އިންޑިކޭޓާޒް ނުވަތަ އާބާދީގެ ސިއްހީ ހާލަތު ނުވަތަ ސީއްހީ ނިޒާމުގެ ކަންކަން ކުރިއަށްދާ ގޮތުގުގެ ހުލާސާ މައުލޫމާތުގެ ރަމްޒީ ފާހަގަތަކުގެ ހާލަތު މިހާރަށްވުރެ ގޯސް ހާލަތަކަށް ހިނގައިދާނެ ކަމުގެ ނުރައްކަލާ ބެހޭ ގޮތުން ގައުމީ ފެންވަރުގެ ބައިވެރިންނާ އެކު މަޝްވަރާ ކުރެވިފައި ވާނެ ކަމަށްވެސް ޔުނިސެފް މޯލްޑިވްސްއިން ވަނީ ދަ ޕްރެސްއަށް ކަށަވަރުކޮށްދީފައެވެ.

ރާއްޖޭގެ ސްކޫލެއްގެ ކުދިންތަކެއް ފޮތް ކިޔަނީ

މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރުން، ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ކުޑަކުދިން ސަލާމަތް ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަން ބަޔާންކޮށް، ޔުނިސެފްއިން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، އިންތިހާ ފަގީރު ހާލުގައި މި ރާއްޖޭގައިވެސް 1000 އެއްހާ ކުޑަ ކުދިން އެބަ ދިރިއުޅެއެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އިންތިހާއަށް މަދު އަދަދެކެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވަމުން އަންނަ ތަފާތު ގޮންޖެހުންތަކާއެކު، މި ސަރަހައްދުން އިތުރު 120 މިލިއަނެއްހާ ކުދިން، އިންތިހާ ފަގީރުކަމަށް ވެއްޓިދާނެ ކަމުގެ އިންޒާރުވެސް ޔުނިސެފްއިން ވަނީ ދީފައެވެ.