ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، މިހާތަނަށް ޝިފާ ލިބި، ބަލިން ރަނގަޅު ވީ މީހުންގެ އަދަދު 5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

މިއަދު ހެނދުނު 06:30 ގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބަލިޖެހުނު މީހުންގެ 5041170 މީހަކަށް ވަނީ ޝިފާ ލިބި، ބަލިން ރަނގަޅުވެފައެވެ.

ކަންމިހެން އޮތް ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަން އަދިވެސް ދަނީ ގަދަވަމުން ކަމަށާ، ދުނިޔެ މިސްރާބު ޖަހާފައިވަނީ ނުރައްކާ ބޮޑު، ބިރުވެރި ދިމާލަކަށް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ދީފައެވެ. ލިބެމުންދާ އެންމެ ފަހުގެ ތަފާސް ހިސާބުތައްވެސް މިކަމަށް ބާރުދެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 9.3 މިލިއަށްވުރެ މައްޗަށް އަރާފައެވެ. ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރި ގައުމުތަކުގެ ތެރޭގައި އަވަށްތެރި އިންޑިއާވެސް ހިމެނޭނެހެން، ދެކުނު އޭޝިއާގެ ގައުމުތައް ގިނައެވެ.

  1. ބްރެޒިލް: 40131 އާ ކޭސް | 1151479 ޖުމުލަ ކޭސް
  2. އެމެރިކާ: 360415 އާ ކޭސް | 2424168 ޖުމުލަ ކޭސް
  3. އިންޑިއާ: 15665 އާ ކޭސް | 456115 ޖުމުލަ ކޭސް
  4. ރަޝިއާ: 7425 އާ ކޭސް | 599705 ޖުމުލަ ކޭސް
  5. މެކްސިކޯ: 4577 އާ ކޭސް | 185122 ޖުމުލަ ކޭސް
  6. ސައުތު އެފްރިކާ: 4518 އާ ކޭސް | 106108 ޖުމުލަ ކޭސް
  7. ޕާކިސްތާނު: 3946 އާ ކޭސް | 185034 ޖުމުލަ ކޭސް
  8. ޗިލީ: 3804 އާ ކޭސް | 250767 ޖުމުލަ ކޭސް
  9. ބަންގްލަދޭޝް: 3412 އާ ކޭސް | 119198 ޖުމުލަ ކޭސް
  10. ޕޭރޫ: 3363 އާ ކޭސް | 260810 ޖުމުލަ ކޭސް

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، މި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނި، އެ މީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މިހާތަނަށް ބަލިޖެހިފައިވާ މީހުންގެ ތެރެއިން 3831777 ކޭހެއް އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައި ވާއިރު، މީގެ ތެރެއިން ގާތްގަނޑަކަށް 98 ޕަސެންޓް މީހުންގެ ހަށިގަނޑުން، ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންވެސް އުޅެއެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވާ ކޭސްތަކަށް ބަލާއިރު 57911 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލްއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 479778 އަށް އަރާފައެވެ.