ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަކީ ފޮޓޯ ނަގަން ވަރަށް ރީތި ފްލެޓުތަކެއް ކަމަށާއި ނަމަވެސް އެތަނަކީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެތަނަށް ވަންނަ 80 ޕަސެންޓު މީހުން އެތަން ގަބޫލު ނުކުރާ ކަމަށެވެ. ހިޔާ މަޝްރޫއުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ނުނިމި ހުރީ ވަރަށް މަދު މަސައްކަތްތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖަހާ ދޮރުތައް ހަރު ކުރުމަށް އެކަނިވެސް 43 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ މިހާރު އެ ހުރި ގޮތަށް އެ ހައްގުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން. ނަމަވެސް ގަބޫލުކުރައްވާތި، އެ ތަނަށް ވަންނަ އިރު، ކޮޓަރިއެއްގައި ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސްއެއް ނުހުންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިހާތަނަށް 23،000އަށްވުރެ ގިނަ މީހުން ހިޔާ ފްލެޓުތަކަށް ކުރިމަތިލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއިން ކޮންމެ ޓަވަރެއްގައި 5،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން އުޅުނީ އެތަނަށް ބަދަލުތަކެއް ގެންނަން. ތިޔަބޭފުޅުންނަށް ދައްކާލަން ގެންދާނަން އެތަން. ބޭރަށް ވަރަށް ރީތި، ފޮޓޯ ނަގަން ވަރަށް ރީތި އިރުއޮއްސޭ ގަޑީގައި،" ރައީސް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އަގު 11،000ރ. އަށް އަރާ ކަމަށާއި އެ މަޝްރޫއުއަކީ ދެކޮޅު ޖެހޭ މަޝްރޫއު އެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވެފައެވެ.