ރާއްޖެ އަށް ކުރިޔަށް އޮތް ހަމަހަކީ ވަރަށް ދަތި އުނދަގޫ ހަމަހަށް ވެގެން ދާނެ ކަމަށާއި އެހެންކަމުން ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ޖަޕާނަށް ސަމުރާއީ ބޮންޑު ވިއްކުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޖަޕާނަށް ބޮންޑު ވިއްކުން މަޑުޖައްސަލާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ބޮންޑު ވިއްކުން ހުއްޓުމަކަށް އައިސްފައި ވަނީވެސް ކޮވިޑް19 އާއި ގުޅިގެން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ސުކޫކަކީ އިސްލާމިކް ބޮންޑެވެ. ކޮންވެންޝަނަލް ފައިނޭންސް އުސޫލުން ބޮންޑު ވިއްކާ ފަދައިން، އިސްލާމިކް ޝަރީއާ އުސޫލުން ވިއްކާނީ ސުކޫކެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް މީގެ ކުރިން ހުރީ ބީ ރޭޓުގައި ކަމަށާއި ނަމަވެސް މިހާރު އެ ރޭޓިންވެސް ބީ ނެގެޓިވް އަށް ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް އެކަމަކީ ހަމައެކަނި ރާއްޖެއަށް ދިމާވި ކަމެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރޭޓިން ދަށް ކުރުމަކީ ކޮވިޑް އާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށް މޫޑީސް އިން ބުނެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ވިއްކުމަށް ނިންމާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ސަރުކާރަށް ރަނގަޅު ރޭޓެއްގައި ލިބިގެން ދާނެ ފައިސާ ކަމަށެވެ. އެ ފައިސާ ލިބިއްޖެ ނަމަ އެއްވެސް ދައްޗެއް ނެތި ކުރިޔަށް އޮތް ހަމަސް ދުވަސް ކުރިޔަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.