ރާއްޖޭގައި ކެންސަރު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ބަލި 37 މީހަކު އިންޑިއާ އަށް ގެންދިއުމުގެ ހުއްދަ އެގައުމުން ދީފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށް ދާން ޖެހިފައި ތިބި ބަލި 37 މީހަކު އިންޑިއާ އަށް ދެވޭނެ ކަމުގެ ޔަގީންކަން ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަަދު ބުނީ އެކަން އެގޮތަށް ހަމަޖެއްސީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ދާން ބޭނުންވެފައި ތިބި 37 މީހަކު އިންޑިއާގެ ކޮޗިން އަށް ދިއުމުގެ ހުއްދަ އިންޑިއާގެ ސަރުކާރުން ދީފައިވާ ކަމަށް ހައިކޮމިޝަނުން ބުނާ ކަމަށް ރައީސް ވިދާޅުވިއެވެ. އިންޑިއާ އަށް ދިއުމުގެ ހުއްދަ ދީފައިވާ މީހުންގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ތެރަޕީ ބޭނުންވެފައިވާ މީހުން ހިމެނެއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރަން ޖެހޭ ފަރާތްތަކަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހާއްސަ ހުއްދައެއް ދިން ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށެވެ.