ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެހެން ހުއްޓުމަކަށް އައިސްފައިވާ މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރި ވިޔަފާރި، 18.5 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އިން ރިޕޯޓްކޮށްފިއެވެ.

ޑަބްލިއުޓީއޯގެ ޑައިރެކްޓާ ޖެނެރަލް ރޮބާޓޯ އަޒީވޭދޯ ވިދާޅުވީ ވިޔަފާރީގެ މިންވަރު ދަށްވެފައިވަނީ ތާރީހުވެސް ނުދެކޭހާ ދަށް މިންވަރަކަށް ކަމަށާ، މިއީ ކުއްލި ގޮތަކަށް މިހާ ބޮޑު އަޑިއަޅާލުމެއް އައި ވަގުތު ކަމަށެވެ. ނަމަވެސް މިކަމުގައިވެސް ހެޔޮކޮށް ވިސްނިދާނެ ގޮތެއް އެބަ އޮތް ކަމަށާ، އެހެނީ، މިއަށްވުރެވެސް ވިޔަފާރިތައް ދަށްކޮށް އޮތުމުގެ ނުރައްކާ އޮތްއިރުވެސް، އެހާ ދަށްވެގެން ނުދިއުން ކަމަށް ޑަބްލިއުޓީއޯގެ ޑައިރެކްޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

ޑަބްލިއުޓީއޯއިން އޭޕްރިލް މަހު ލަފާ ކުރި ގޮތުގައި، ހާލަތު އެންމެ ގޯސްވެގެންދާ ހިނދެއްގައި ދުނިޔޭގެ ވިޔަފާރި 32 ޕަސެންޓް ދަށަށް ދާނެއެވެ. ނަމަވެސް، މި ވެއްޓުމާ ކުރިމަތިނުލާ ވޭތޯ ބެލުމަށް ގައުމުތަކުން އަޅަމުންދިޔަ ފިޔަވަޅުތަކާ، ދިން އިޖާބަ ފާހަގަކޮށް، ޑަބްލިއުޓޫއޯއިންވަނީ ގައުމުތަކަށް ތައުރީފުކޮށްފައެވެ.

އިގުތިސޯދީ އުފެއްދުންތެރިކަމާ، ގަނެވިއްކުމުގެ ވިޔަފާރި 2021 ވަނަ އަހަރު ހަލުވި ދުވެއްޔެގައި ހެޔޮ ފާލަކަށް އެޅިގެން ދާނެ ކަމަށާ، ގައުމުތަކުގެ ފިސްކަލް، މަނިޓަރީ އަދި ވިޔަފާރީގެ ސިޔާސަތުތައްވެސް މި ރޫހުގައި ބައްޓަން ކުރުމަށް ޑަބްލިއުޓީއޯއިންވަނީ ގޮވާލާފައެވެ.