ސަލާމަތީ ބާރުތަކުގެ އަގު ވެއްޓިގެންދާ ގޮތަށް ވާހަކަ ނުދެއްކެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ބައެއް ކަމަށެވެ. އެ މީހުން ކުރަމުން އެ ގެންދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބަން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެތަންތަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ތަނެއްގައިވެސް އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ "ދިވެހި ފުލުހުންގެ ހިދުމަތުގެ" ބިލަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުން ދިވެހި ފުލުހުންނަށް ފާޑު ކިޔުންތައް އަމާޒު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބައެއް މެންބަރުން ވަނީ އެ ބިލަށް ބަހުސް ކުރައްވަމުން ފުލުހުންނަށް ބޮޑެތި ބާރުތައް ދިނުމާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކަވާފައެވެ. އަދި ފުލުހުންގެ ވަޒީފާ އަށް ވައްދަނީ ނުކިޔަވާ ތިބޭ މީހުން ކަމަށާއި ފުލުހުންގެ ކިބައިގައި އެއްވެސް އަހުލާގެއް ނެތް ކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފުލުހުންގެ ޔުނީފޯމު ބަދަލުކޮށް ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދާ ގޮތަށް ވެސް ވަރަށް ގިނަ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.

ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަވާފައި ވާތީ ސޯޝަލް މީޑިއާގައި ފުލުހުންގެ ދިފާއުގައި ފުލުހުންގެ އާއިލާތަކާއި ފުލުހުންގެ ހިދުމަތް ބަލައިގަންނަ އެތައް ބަޔަކު ވަނީ ނިކުމެފައެވެ.