ކޮވިޑް-19އަށް ޖުލައި ނިމުމުގެ ކުރިން ދުވާލަކު 3000 ޓެސްޓް ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖެއިން މި ބައްޔަށް ޝައްކު ވެގެން ޓެސްޓު ކުރި މީހުންގެ ސާމްޕަލް ފޮނުވަން ޖެހުނީ ރާއްޖެއިން ބޭރަށް ކަމަށެވެ.

ނަމަވެސް އެތައް ބައެއްގެ ބުރަ މަސައްކަތުން އެކަމަށް ނިމުމެއް މިއަދު އައިސްފައިވާ ކަމަށާއި މިއަދު ރާއްޖެއިން ވެސް ކޮވިޑް19 އަށް ޓެސްޓު ކުރެވެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ރާއްޖެ ވަނީ ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ވަރަށް ފަރުވާ ދެވޭނެ މިންވަރަށް ތައްޔާރުވެވިފައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން މިއަދު ރާއްޖޭގައިު ދުވާލަކު 1،000 އަށްވުރެ ގިނަ ޓެސްޓު ހެދޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ މާލޭގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ޕީސީއާރް ޓެސްޓު ހަދަަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ވެސް އަންނަ ހަފްތާގައި ޓެސްޓު ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އާބާދީގެ ގޮތުން ބަލާނަމަ މި ސަރަހައްދުގައި އެންމެ ގިނައިން ކޮވިޑަށް މީހުން ޓެސްޓު ކުރެވޭ ގައުމު ކަމަށެވެ. މިހާތަނަށް ރާއްޖޭގައި 41،699 ޕީސީއާރް ހެދިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް 256 އައިސީޔޫ އެނދު އަދި 655 އައިސޮލޭޝަން އެނދު މިހާރު ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.