ބައިނަލްއަގުވާމީ އެއާޕޯޓުތަކާއި ފަތުރުވެރިކަން ޖުލައި މަހު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަންނަ ޖުލައި މަހު 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު ބައިނަލްއަގުވާމީ އެއާޕޯޓުތައްވެސް ހުޅުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެއާޕޯޓުތައް ހުޅުވާލާއިރު ފަތުރުވެރިންނަށްވެސް ރާއްޖެ ހުޅުވާލައްވާނެ ކަމަށެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި އާމްދަނީ ކަމަށް ވާއިރު، ބޯޑަތުރައް ހުޅުވާލާއިރުވެސް ޖަރުމަނުވިލާތާއި އެހެން ބައެއް ގައުމުތަކުން ރާއްޖެ އައުމުގެ ޝައުގުވެރިކަން ވަނީ ފާހަގަ ކޮށްފައެވެ.

"އަޅުގަނޑުމެން މި ބަލަނީ މިއަހަރު ތެރޭ 8 ލައްކަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައި ކުރިމަތިވި ގޮން ޖެހުން ތަކާއެކުވެސް ބޯޑަރު ހުޅުވާލާއިރު ފަތުރުވެރިން އަންނާނެ ކަމަށެވެ. އެގޮތުން ފާހަގަ ކުރެއްވި އެއް ގައުމަކީ ޗައިނާއެވެ. ރައީސް ވިދާޅުވީ، ޗައިނާއިން މިހާރުވެސް ފަތުރުވެރިން އަންނަން ތައްޔާރަށް ތިބި ކަމަށާއި، ހަމަ އެކަނި ޝަރުތަކީ ޗައިނާ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދާއިރު ޕީސީއާރު ޓެސްޓް ކޮށްދިނުން ކަމަށާއި، އެކަން ކުރުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް މިހާރު ހަމަޖައްސަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަތު ހުޅުވާލައި، އެއާޕޯޓުތައް ހުޅުވާލުމާއެކު ދުވާލެއްގެ މައްޗަށް އިންޓަނޭޝަނަލް 10 ފްލައިޓް ރާއްޖެ އަންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވަނީ ބުނެފައެވެ.