މިއަދު 4:30 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، މިއަދު 4:30 ގައި ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުކުރެއްވުން އޮންނާނީ ރައީސް އޮފީހުގައި ކަމަށެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ގިނަ ނިންމުންތަކެއް އިއުލާން ކުރައްވަން ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެގޮތުން އޭގެ ތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ތާރީހުވެސް ހިމެނެއެވެ.

ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެ ސަރަހައްދުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ނޫސްވެރިންގެ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.