ކުރިއަށްއޮތްތާ ރަނގަޅު ގޮތުގައި އެއްވުންތައް ރޫޅާލުމުގެ ގާބިލުކަން ފުލުހުންގެ ހުންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ، އިންސާނީ ކަރާމާތަށް އިސްކަންދީގެން ޕްރޮފެޝަނަލްކޮށް ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލެވޭނެ ގާބިލުކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެވަޑައިގަންވަން ބޭނުން ވެލައްވާ ކަމަށެވެ. އަދި ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުތަކުގެ ތެރެއިން ކުރިއަށް އޮތްތާ އެކަން ކަށަވަރު ކުރައްވާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައި ވާއިރު، އިއްޔެ ހެނދުނު 8:30 ގައި ވާތު ފިޔައިގެ ސިޔާސީ ހަރަކާތް ހިންގާ ޖަމާއަތެއް ކަމަށްވާ "ނަވާނަވައި" އިން މަޖިލިސް ކައިރީގައި ބޭއްވި މުޒާހަރާ ފުލުހުން ވަނީ ރޫޅާލާފައެވެ. އެގޮތުން، މުޒާހަރާގެ ދެ ބައިވެރިން ބިންމައްޗަށް ވެއްޓި، ފުލުހުން ވަނީ އެމީހުން ދަމާ އެ ސަރަހައްދުން ދުރަށް ގެންގޮސްފައެވެ. އެގެ ތެރޭގައި އެ ޖަމާއަތުގެ ތަރުޖަމާނު ފާތިމަތު ސާއިރާ ހިމެނެއެވެ.
6 ފުލުހުން ވެގެން ސާއިރާ މަޖިލިސް ކައިރިން ދުރަށް ގެންދިޔަ އިރު، އޭނާގެ ހެދުމުގެ ތެރެއިން ގައި ފެންނަން ހުރި ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މަޖިލީސް ހުޅުވައިގެން މަސައްކަތް ކުރަމުންދާ އިރު މި ވަގުތަކީ ކޮވިޑުގެ ސަބަބުން ގެއްލުން ލިބެމުންދާ ފަރާތްތަކަށް ހައްލު ހޯދައިދޭންޖެހޭ ވަގުތު ކަމަށާއި މަޖިލީހުގައި މި ކަމަށް ހައްލު ހޯދައިދިނުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެ އެ މުޒާހަރާގެ ބައިވެރިން ގޮވާލީ މަޖިލީހުގެ ތެރޭގައި މެންބަރުން ސިޔާސީ ސަރަކާތްތައް ޖެހުން ހުއްޓާލުމަށެވެ. އަދި ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ރައްޔިތުންނަށް އެހީތެރިކަން ދިނުމަށެވެ.
މޭޑޭގެ މުޒާހަރާ ރޫޅާލީ ވަރަށް ޕްރޮފެޝަނަލްކޮށް. ޢޭރު މަނިކުފާނު ހުންނެވީ ކޮންތާކުތޯ؟