ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ފަތުރުވެރިންނަށް އަލުން ރާއްޖެ ހުޅުވާލާ ތާރީހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަލުން އަލުން ހުޅުވާލާނެ ތާރީހެއް އިއުލާނުކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަން ހުޅުވާލުމަށް އެ މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވާންޖެހޭ ތައްޔާރީތައް މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ އިދާރާތަކުން މިހާރު އިންތިޒާރުކޮށްގެން ތިބީ އެ ވަގުތަށް ކަމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަން ހުއްޓުމަކަށް އައުމާއެކު ރިސޯޓުތަކާއި، ވިޔަފާރިިވެރިން ވެސް އަދި މުވައްޒަފުން ވެސް މިވަގުތު ތިބީ ވަރަށް ދަތި ހާލުގައިކަން މިނިސްޓަރު އަލީ ވަހީދު ފާހަގަކުރެއްވިއެވެ.
އޭނާ ވަނީ މީގެކުރިން ރާއްޖޭގެ ފަތުރުވެރިކަން ބޮޑެތި ގެއްލުންތައް ލިބުނު ކާރިސާތަކުގެ މައްޗަށް ވެސް މިއަދުގެ ކޮމިޓީގައި އަލިއަޅުވާލައްވައިފައެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި 2009 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގައި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން މި ދިމާވި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ގެއްލުމަކީ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު ގެއްލުންކަމަށް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާ، ބޯޑަރު ބަންދު ކުރީމިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހެވެ.