ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ހުޅުމާލެ ފްލެޓް ނަންބަރު 04-1-38 އަބްދުﷲ ޝަރީފު، ރައީސް ސޯލިހް މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ހޫދު ވިދާޅުވީ އަބްދުﷲ ޝަރީފަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގައެ ކަމަށެވެ. އޭނާ މި މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

އަބްދުﷲ ޝަރީފް މީގެ ކުރިން އަދާ ކުރެއްވީ ކަސްޓަމްސްގެ އެސިސްޓަންޓް ކޮމިޝަނާގެ މަގާމެވެ. އަދި ކަސްޓަމްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، އަހުމަދު ނުއުމާން އަވަހާރަވުމާ ގުޅިގެން ކަސްޓަމްސްގެ ހިންގުމާ ވެސް ހަވާލުވެ ހުންނެވީ އަބްދުﷲ ޝަރީފެވެ. ޝަރީފް ވަނީ 27 އަހަރަސް ވުރެ ގިނަ ދުވަހު ކަސްޓަމްސް އަށް ހިދުމަތް ކުރައްވާފައެވެ.

ކަސްޓަމްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، އަހުމަދު ނުއުމާން އަވަހާރަވީ، މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހެވެ. ނުއުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާފައެވެ. ނުއުމާންގެ ގާތް ބޭފުޅުން ވިދާޅުވި ގޮތުގައި އޭނާ އަވަހާރަވީ އިންޑިއާގައި ކީޑްނީގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވަނި ކޮށް ބެންގަލޫރުގައެވެ.