ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން އަހަރުގެ ބޮޑެތި އެވޯޑް ޝޯތައް ފަސް ކުރަމުންދާއިރު، ކުރިއަށް އޮތް ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާ ބާއްވާނެ ތާރީހު އިއުލާން ކޮށްފިއެވެ.

ޚަބަރު ލިބޭ ގޮތުގައި ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާ އޮންނާނީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި ތާރީހަކީ އޮސްކާ އެވޯޑްސްއިން ޝޯ ފަސްކުރުމުގެ ކުރިން، އެ ހަފުލާ ބާއްވަން އެންމެ ފުރަތަމަ ހަމަޖެއްސި ތާރީހެވެ.

ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާއަކީ އާންމު ގޮތެއްގައި ޖަނަވަރީ މަހު އޮންނަ ހަފުލާއެކެވެ.

ކުރިއަށް ގޯލްޑަން ގްލޯބްސްގައި ވާދަކުރާ ފިލްމުތަކުގައި ތިއޭޓަރުތަކުގައި ސްކްރީން ނުކުރި ކަމުގައި ވީ ނަމަވެސް އެވޯޑަށް ވާދަކުރެވޭނެ ފިލްމުތަކެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެހެނީ ކޮވިޑް-19ގެ ސަބަބުން، އަހަރުގެ ބޮޑު ބައެއްގައި ތިއޭޓަރުތައް ބަންދުކޮށްފައި އޮތުމެވެ.

ބަފްޓާއިންވަނީ ބަފްޓާ ފިލްމް އެވޯޑްސް، 2021 ވަނަ އަހަރުގެ އޭޕްރިލް 11 ވަނަ ދުވަހު އޮންނާނެ ކަމަށް އިއުލާންކޮށްފައެވެ. މި އިވެންޓް ކުރިން ބާއްވަން އޮތީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮވިޑް-19އާ ގުޅިގެން ފިލްމުތަކުގެ މަސައްކަތްތައް މުޅިން ހެން ހުއްޓާލާފައި އޮތުމަށްފަހު، ހޮލީވުޑްގެ ބައެއް ޕްރޮޑިއުސަރުން މިހާރު ވަނީ، ކޮންމެވެސް ވަރަކަށް ފިލްމުތަކުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަން ފަށާފައެވެ.