އީރާނުގެ ވެރިރަށް ތެހްރާންއިން ފުރައިގެން ޔޫކްރޭންގެ ކިއޭފްއަށް ދަތުރުފެށިތާ ކުޑަ ވަގުތުކޮޅެއް ފަހުން އީރާނު އަސްކަރިއްޔާއިން މިސައިލް ހަމަލާތަކެއް ދީ ވައްޓާލި، ޔޫކްރޭންގެ ޕަސެންޖާ ޖެޓް ޕީއެސް752 ގެ ރެކޯޑަރުތައް ފަރަންސޭސިވިލާތަށް ފޮނުވާލަން އުޅޭ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އީރާނުގެ ރަސްމީ ޚަބަރު ފަތުރާ އައިއާރްއެންއޭ ނިއުސް އޭޖެންސީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅޭއްގެ ތެރޭގައި މި ފްލައިޓްގެ ރެކޯޑަރުތައް، ފަރަންސޭސިވިލާތަށް ފޮނުވާލާނެ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު އެމެރިކާގައި ތަގުރީރުކުރައްވަނީ/ފޮޓޯ: ރިޗާޑް އެންޑްރޫ

އެއްގަމުން ވައިގެ ތެރެއަށް ފޮނުވާލި މިސައިލް ހަމަލާއެއްގައި އީރާނުން ޕީއެސް752 ވައްޓާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެންގެ ފުރާނަވަނީ ގެއްލިފައެވެ. މި ހާދިސާ ހިނގާފައިވަނީ، އެމެރިކާއާއި ދެކޮޅަށް ކުރިއަށްދިޔަ އަސްކަރީ ކުރިމަތިލުމެއްގައި މަސްރަހު ނުތަނަވަސްވެފައިވާ ހާލު، ހައި އެލާޓުގައި ތިބި އަސްކަރިއްޔާގެ މެމްބަރުންނަށް ހެދުނު 'ނުރައްކާ ބޮޑު، ގޯހަކުން' ކަމަށް އީރާނުން ވަނީ އިއުތިރާފު ވެފައެވެ.

ޒަރީފާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ފަރަންސޭސިވިލާތަށް ފޮނުވާލަނީ ޕީއެސް752 ގެ ކަޅު ފޮށި ނުވަތަ ފްލައިޓް ޑޭޓާ ރެކޯޑަރެވެ. އެއީ އެ ރެކޯޑަރުގައިވާ މައުލޫމާތު އެއްކުރުމަށް ކަމަށް ޚަބަރު ލިބެއެވެ. ޒަރީފު މިކަން ހާމަ ކުރައްވާފައިވަނީ ވައްޓާލި ފްލައިޓްގައި އެންމެ ގިނަ އަދަދަކަށް އެ ގައުމެއްގެ ފަސެންޖަރުން ތިބި ކެނެޑާގެ ހާރިޖީ ވަޒީރު ފޮންސުވާ-ފިލީޕް ޝަމްޕާނީއާ ފޯނުން ގުޅުއްވާ، ވާހަކަދައްކަވަމުން ކަމަށް މައުލޫމާތު ލިބެއެވެ.

180 މީހުންނާއެކު އީރާނުން އުދުއްސާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޔޫކްރައިންގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: ޚަބަރުއޮންލައިން

ޕީއެސް752ގެ ރެކޯޑަރުތަކުގެ މައްސަލަ ވެގެންދިޔައީ މި ހާދިސާއާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ހޫނުވެގެންދިޔަ އެއް މައްސަލައެވެ. އެގޮތުން ޔޫކްރޭންއިން ވަނީ މި ރެކޯޑަރުތައް ހޯދުމަށް އީރާނަށް ޑިމާންޑު ކޮށްފައެވެ. ކަންމިހެން އޮތްއިރު އީރާނުންވަނީ ފްލައިޓް ވައްޓާލި ހާދިސާއާއި ގުޅޭ ގާނޫނީ ހުރިހާ ކަމަކަށް އީރާނުން ތައްޔާރަށް އޮތް ކަމަށާ، އާއިލާތަކަށް ބަދަލު ދިނުމުގެ ކަންކަމާ މަޝްވަރާ ކުރުމަށްވެސް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު ހިނގާދިޔާ ހާދިސާގެ ތަހުގީގު ލަސްވަމުންދަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

އީރާނުގެ ނުފުޒޫގަދަ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ސުލައިމާނީގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ވީއޯއެކްސް

ޔޫކްރޭންގެ ފްލައިޓް ޕީއެސް752 އަށް އީރާނުގެ އަސްކަރިއްޔާއިން މިސައިލް ހަމަލާ ދިން ވަގުތަކީ، އީރާނު އަސްކަރިއްޔާގެ ނުފޫޒުގަދަ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލިކަމުގެ ބަދަލު ހިފުމުގެ ގޮތުން، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން ހަމަލާތަކެއް ދިނުމަށްފަހު ރައްދު ހަމަލާއެއްގެ ފާރައަށް އޮތް ވަގުތެކެވެ. ވައިގެ އުދުހުންތަކާ ގުޅިގެން ހިނގާ ހާދިސާތަކުގެ ތަހުގީގުތައް ހިނގާ އާންމު އުސޫލަށް ބަލާއިރު ހާދިސާ ތަހުގީގު ކުރާނީ ބޯޓު ވެއްޓޭ ގައުމަކުންނެވެ. ފަރަންސޭސިވިލާތަކީ ވައިގެ އުދުހުންތަކާ ގުޅިގެން ހިނގާ ހާދިސާތަކުގައި، ރެކޯޑަރުތަކުން މައުލޫމާތު އެއްކުރުމުގައި އެންމެ ތަޖުރިބާކާރު، އަދި އެންމެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އެއް ގައުމެވެ.