7 ފެބްރުއަރީގެ މައްސަލައިގައި އިތުރައް ބަލަން ޖެހޭ ކަމެއް ނޯންނާނެ ކަމަށް ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި، ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖެއްސުމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ވެރި ކަމަށް ވަރަށް ބޮޑު ލޮޅުމެއް އައި ކަމަށާއި އެއީ ޑިމަކްރަސީގެ ގޮތުން ކަންތައް ހިނގާ ދިޔަ ގޮތް ކަމަށެވެ.

ރައީސް ވަހީދަށްވެސް ގިނަ ތުހުމަތު ތަކެެއް ކުރެވިފައިވާ ކަމަށާއި ނައިބް ރައީސް އަދާކުރަން ޖެހޭ މަސޫލިޔަތެއްގެ ގޮތުން ރައީސް ކަމަށް ވަޑައިގެންނެވީ ކަމަށް ވިދާޅުވިއެވެ.

އޭރު އުފެއްދެވި ކޮމިޝަނަށް ރައީސް ވަހީދުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި އެ ކޮމިޝަނަކީ ރާއްޖޭގެ ފުންނާބު އުސް ތަޖުރިބާކާރުންގެ ތެރެއިންވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ބޭފުޅުން ލައިގެން ހެދި ކޮމިޝަނެއް ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ހުށަހެޅި ރިޕޯޓް މިހާރު ވެރިކަން ކުރާ އެމްޑީޕީން ބަލައިގެންފައި ނުވާކަން ފާހަގަ ކުރައްވާ ރައީސް ވަހީދު ވިދާޅުވީ އެ ރިޕޯޓަށް ވުރެ މޮޅު ރިޕޯޓެއް ހުށަހަޅާނަމަ ޖެހޭނީ އެއަަށް ވުރެ ފުންނާބު އުސް ބޭފުޅުން އައްޔަނު ކުރައްވަން ކަމަށާއި އެއަށް ވުރެ ވަކި ފަރާތަކަށް ނުޖެހޭ ޖަމާއަތްތަކެއްވެސް ހޯއްދަވަން ކަމަށެވެ. އެހެން ނޫންނަމަ އެއިން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

"އެ ރިޕޯޓަށްވުރެ މޮޅު ރިޕޯޓެއް ހުށަހަޅާނަމަ ޖެހެނީ އެއަަށްވުރެ ފުންނާބު އުސް ބޭފުޅުން އައްޔަނު ކުރައްވަން. އެއްށްވުރެ ވަކި ފަރާތަކަށް ނުޖެހޭ ޖަމާއަތްތަކެއްވެސް ހޯއްދަވަން، އެހެން ނޫނީ އެ ނުވާނެ އެއްޗަކަށް، މިއީ ބަޔަކު މީހުން ކެޅޭކުޅޭ ކުޅިވަރެއް ނޫން"
ރައީސް ވަހީދު

ރައީސް ވަހީދު އެފަދައިން ވިދާޅުވެފައި ވާއިރު، 2012ގައި ވެރިކަން ބަދަލުވި ގޮތް އަލުން ބެލިނަމަވެސް ވެރިކަން ވެއްޓުނީ ބަޣާވާތަކުންކަން ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ހާދިސާގައި މިހާތަނަށް ކުރި ތަހުގީގުން އޭރު ރައީސް ނަޝީދުގެ ނައިބް ރައީސް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ "ބަޣާވާތް ކުރައްވައިފައިވާ ބޭފުޅެއްކަން" ނިންމިފައި ނެތް ކަމަށެވެ.