ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސައިފިއެވެ.

އެ މާގާމަށް ޑރ. ވަހީދު ހަމަޖައްސާފައި ވަނީ މިރޭ ޕީޕީއެމްގެ މައި އޮފީހުގައި އެކަމަށް ހާއްސަކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްއެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ޑިމޮކްރަސީ ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށާއި ޑިމޮކްރެސީ ހަރުދަނާ ވުމަށް އެންމެ މުހިއްމު ކަމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުން ކަމަށެވެ.

ޑރ. ވަހީދަކީ ދިވެހިރާއްޖޭގެ ރައީސް ކަމުގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ދެ އަހަރަށް ވަނީ ފުރުއްވާފައެވެ. އެއީ ފެބްރުއަރީ ހަތެއްގައި އޭރުގެ ރައީސް މުހަންމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރިޔާސީ އިންތިހާބަކުން ހޮވިވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ނައިބު ރައީސަކީ ވެސް ޑރ. ވަހީދެވެ.

ޑރ. ވަހީދު ވަނީ އދ ގެ މައި އޮފީހުގައާއި، އަދި އެކި ގައުމުތަކުގައި ހުންނަ އދ ގެ ސަރަހައްދީ އޮފީސްތަކުގައި މަސައްކަތް ކުރައްވާފައެވެ.