ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދާ އަވަށްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ޓްރިވެންޑްރަމް (ތިރިވަނަންތަޕޫރަމް) އަކީ ކޮންޓެއިންމަންޓް ޒޯންއެއް ކަމުގައި ކަނޑައަޅާ، މުޅި ސަރަހައްދު ހައި އެލާޓަށް ގެނެސްފިއެވެ.

ޓްރިވެންޑްރަމް ހައި އެލާޓަށް ގެނެސްފައި މިވަނީ ކެރެލާ ސްޓޭޓްގައި އޮޓޯ ދުއްވަން އުޅުނު، އުމުރުން 52 އަހަރުގެ ފިރިހެނަކާ އޭނާގެ މުޅި އާއިލާވެސް ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މި އޮޓޯ ޑްރަވައިރު ދުއްވި މަގުތައް ޗާޓުތަކެއްގެ ސިފާގައި ހިއްސާކުރަމުން ދާއިރު، އޭނާއަކީ ކޮވިޑް-19ގެ ސުޕާސްޕްރެޑާ ނުވަތަ އެކެއްގެ ފަރާތުން ގިނަ ބަޔަކަށް ބަލިޖެއްސުމުގެ ފުރުސަތު އޮތް މީހެއްގެ ގޮތުގައި ވަނީ ބަލަން ފަށާފައެވެ. ކެރެލާގެ އާންމުން މިހާރު ދަނީ އެ އޮޓޯ ޑްރަވައިރު ދަތުރުކުރި ގޮތުގެ ތަފްސީލުތައްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އޭނާއަށް ކޮވިޑް-19 ޖެހިފައި ހުރިކަން ނޭނގި، ކެރެލާ ސްޓޭޓްގެ އެކި ހިސާބުތަކަށް މީހުން އުފުލާފައިވެއެވެ. އޮޓޯ ޑްރައިވަރެއްގެ އިތުރުން އޭނާއަކީ ޓްރިވެންޑްރަމްގެ ޓީވީ ޝޯތަކުގައި ހަރަކާތްތެރިވާ އެކްޓަރެއްވެސްމެއެވެ. އެހެންކަމުން ފާއިތުވީ ދުވަސްތަކުގައި އޭނާ ވަނީ ކެރެލާ ސްޓޭޓްގެ އެކި ހިސާބުތަކުގައި ކުރިއަށްދިޔަ ޝޫޓިންގްތަކެއްގައިވެސް ބައިވެރިވެފައި ކަމަށް ޚަބަރު ލިބެއެވެ.

ސްޓޭޓް ތެރޭގައި ހަރަކާތްތެރި ގޮތެއްގައި އުޅެފައި ހުރި މި ޑްރައިވަރަކީ ކޮވިޑް-19ގެ ޕޭޝްންޓަކާ ޑައިރެކްޓް ކޮންޓެއްވި މީހެއްކަން ރެކޯޑްތަކުން އެނގޭކަށް ނެތެވެ. ސިއްހީ އެހީދޭ މަރުކަޒަކަށް އޭނާ ދިޔައީ ހުން އައިސް، ކެއްސާތީއެވެ. ސިއްހީ މަރުކަޒުން ނިކުމެ ފާމަސީއަކަށް ދިއުމަށް ފަހު، ހޮސްޕިޓަލަކަށާ ފާމަސީއަކަށްވެސް އޭނާ ގޮސްފައިވާއިރު، އަވަށްޓެރިންނަށް ޒިޔާރަތްކުރި ކަމަށް ޚަބަރު ލިބެއެވެ. ކޮވިޑް-19އަށް ސާމަޕަލް ނަގާފައިވަނީ ހޮސްޕިޓަލަށް ކުރި ޒިޔާރަތުގައެވެ.

ޓްރިވެންޑްރަމްގެ ބައެއް ސަރަހައްދުތައް މިހާރު ވަނީ ކޮންޓެއިންމަންޓް ޒޯންތަކުގެ ގޮތުގައި ހަމަޖައްސާފައެވެ. ކޮންޓެއިންމަންޓް ޒޯންތަކަކީ ބަލިމަޑުކަން ފެންނަމުންދާ ސަރަހައްދުތަކެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުންދަނީ ރެކޯޑް ރޭޓެއްގައެވެ. މި ފަހަކަށް އައިސް ކޮންމެ ދުވަހަކީވެސް ފާއިތުވީ ދުވަހަށް ވުރެ އިތުރު އަދަދަކަށް ޕޮޒިޓިވް ކޭސް ރިޕޯޓްކުރާ ދުވަހަކަށް އޮތީ ވެފައެވެ. އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 426910 އަށް އަރާފައެވެ. އަދި މި ބަލީގައި އިންޑިއާއިން 13703 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޮވިޑް-19ގެ ކޭސްތައް 4 ވަނައަށް އެންމެ ގިނައިން ރިޕޯޓް ކުރަމުންދަނީވެސް އިންޑިއާއިންކަން ފާހަގަކުރަންޖެހެއެވެ.