މި ފަހަކަށް އައިސް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކެޝަން – ޓިކްޓޮކްއަކީ ކެއުންބުއިމުގެ ނޭދެވޭ އާދަތަކަށް މަގުފަހި ކުރާ އެޕްލިކެޝަންއެއް ކަމަށް ކުރާ ވަކާލާތު އަޑު ގަދަވާން ފަށައިފިއެވެ.

ޓިކްޓޮކްއަކީ މިއަދު މުޅި ދުނިޔެއަށް ބަލާއިރުވެސް އިންތިހާއަށް މަގުބޫލު އެޕްލިކެޝަނެކެވެ. މިއަދު ޓިކްޓޮކް ބޭނުންކުރާ 800 މިލިއަނަށްވުރެ ގިނަ ޔޫޒާޒް ތިބިއިރު، މީގެ 41 ޕަސެންޓް ހިއްސާކުރަނީ އުމުރުން 16 އަހަރާ 24 އަހަރާ ދެމެދުގެ ކުދިންނާ ޒުވާނުންނެވެ.

ކަންމިހެން އޮތް ނަމަވެސް ޓިކްޓޮކްގައި ހިއްސާކުރަމުންދާ ބައެއް ކޮންޓެންޓްގެ ސަބަބުން، އެނޮރެކްސިއާ އާއި ބުލީމިއާ ފަދަ ބަލިތަކަށް މަގުފަހި ކުރުވާ ކަމަށް ވަކާލާތު ކުރުމުގެ އޮއެވަރެއް މިހާރު ދަނީ ފެންމަތިވަމުންނެވެ.

ޓިކްޓޮކްއިން ބުނީ އެ އެޕްލިކޭޝަނުން އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދެމުންދާނީ ޔޫޒާސްގެ ސަލާމަތާ ދުޅަހެޔޮކަމަށް ކަމަށެވެ. އެގޮތުން މިފަދަ ނުރައްކާތެރި ބަލިތަކަށް ހިތްވަރުދޭ ކޮންޓެންޓް ފާހަގަވާނަމަ އެ ކޮންޓެންޓްތައް ރިޕޯޓް ކުރުމަށްވެސް ޓިކްޓޮކް އެޕްލިކޭޝަން ހިންގާ ފަރާތުން ވަނީ ގޮވާލާފައެވެ.

ކަންމިހެން އޮތް ނަމަވެސް، ކެއިންބުއިމުގެ ނޭދެވޭ އާދަތަކާ، ކެއިންބުއިމުގެ ނޭދެވޭ އާދަތަކާ ގުޅިފައިވާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ހިލޭ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ ބީޓްއިން ބުނީ، ނުރައްކާ ދަރަޖައިގެ ގިނަ އަދަދެއްގެ ކޮންޓެންޓް މިހާރުވެސް އެޕްލިކެޝަންގެ ޕްލެޓްފޯމުގައި އެބަހުރި ކަމަށެވެ.

ބައިނަލްއަގުވާމީ މީޑިއާއާއި ވާހަކަ ދައްކަވަމުން، އުމުރުން 19 އަހަރުގެ ޓިކްޓޮކް ޔޫޒާއެއް ބުނީ، އެޕްލިކެޝަންގެ ޕްލެޓްފޯމުގައި އޭނާ ހޭދަކުރާ ވަގުތުގެ 41 ޕަސެންޓަކީ، ބަރުދަން ލުއިކުރުމާ ގުޅޭ ކޮންޓެންޓް ބެލުމުގައި އޭނާ އެ ޕްލެޓްފޯމުގައި ހޭދަކުރާ ވަގުތެވެ. ޓޮކްޓޮކް ވީޑިއޯތައް ބަލަމުން ގޮސް، އަމިއްލަ ހަށިގަނޑު ހުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެން ވަގުތުން ވަގުތަށް ޖިމްއަކަށް 85 ޕައުންޑްގެ ފީއެއް ދައްކާފައިވާނެ ކަމަށްވެސް އެ ޒުވާނާ ވަނީ ބުނެފައެވެ.

އެނޮރެކްސިއާ އާއި ބުލީމިއާ ފަދަ ބަލިތައް ޕްރޮމޯޓް ކުރުމުގެ މަސައްކަތަކީ މީގެ ކުރިން 'ޑާކްވެބް" ގައި ޕްރޮމޯޓް ކުރަމުން ދިޔަ ކޮންޓެންޓެއް ކަމުގައި ވީ ނަމަވެސް ޓިކްޓޮކް ފަދަ އެޕްލިކޭޝަން ތަކާއެކު، އާންމު އުސޫލުން ބޭނުން ކުރަމުން އަންނަ އިންޓަނެޓް ޕްލެޓްފޯމަށްވެސް މިކަން ވަނީ ތައާރަފު ވެފައެވެ.