ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ގިނަ އުފެއްދުންތަކެއް ބާޒާރަށް ނެރެމުން އަންނަ ޕެޕްސިކޯ ކުންފުނިން، ޗައިނާގެ ވެރިރަށް ބެއިޖީންގްގައި އޮޕަރޭޓް ކުރަމުން އަންނަ ކާރުހާނާ ބަންދު ކޮށްފި އެވެ.
ޕެޕްސިކޯއިން އުފައްދަމުން އަންނަ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި ލޭޒް ޕޮޓޭޓޯ ޗިޕްސް، ޓްރޮޕިކާނާ، ޑޮރީޓޯޒް، ޗީޓޯސް، ކުއޭކާ އޯޓްސް، ސެވަން-އަޕް، މައުންޓަންޑް ޑިއު އަދި ޕެޕްސިކޯލާ ފަދަ އުފެއްދުންތައް ހިމެނެއެވެ.
ޕެޕްސިކޯގެ ބެއިޖީންގް ކާރުހާނާ ބަންދު ކޮށްފައި މިވަނީ، އެ ކާރުހާނާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް 8 ކޭހެއް ފެނުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. ޕޮޒިޓިވްވި މުވައްޒަފުންގެ ތެރެއިން 2 މީހަކީ، ބެއިޖީންގްގެ އެންމެ ބޮޑު ހޯލްސޭލްމާކެޓް އަދި މިހާރު ކޮވިޑް-19ގެ އާ ރޯގާއެއް ފެތުރެމުގެ އަސްލު ކަމުގައި ބަލަމުން އަންނަ ޝިންފާދީ ބާޒާރަށް ދާދިފަހުން ޒިޔާރަތް ކުރި 2 މީހުންކަން ވަނީ ކަށަވަރު ވެފައެވެ.
ޕެޕްސިކޯގެ ތަރުޖަމާނަކު ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފުންނާ އެކީ އެއްތާވި 87 މީހަކުވެސް ހިމެނޭ ގޮތަށް، ކާރުހާނާގެ 480 މުވައްޒަފަކު މިހާރު ކަރަންޓީނު ކޮށް، ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް އިތުރު މީހަކު ޕޮޒިޓިވްވެފައި ނުވާކަމަށްވެސް ތަރުޖަމާނު ވަނީ ހާމަ ކުރައްވާފައެވެ.
ބެއިޖީންގްއިން ބަންދު ކުރި ކާރުހާނާއަކީ ޕޮޓޭޓޯ ޗިޕްސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކާރުހާނާއެކެވެ. ޚަބަރު ލިބޭ ގޮތުގައި މި ކާރުހާނާ ބަންދު ކޮށްފައިވަނީ ސްޓެރެލައިޒް ކުރުމުގެ މަސައްކަތަށެވެ.
ޕެޕްސިކޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އެކި ބާވަތުގެ ބުއިންތައް ބަންދު ކުރުމަށް ޗައިނާގައި ހިންގާ އެއްވެސް ކާރުހާނާއަކުން ކޮވިޑް-19ގެ ކޭހެއް ފެނިފައި ނުވާ ކަމަށެވެ.
ޝިންފާދީއިން ފެނިފައިވަނީ ވައިރަހުގެ ތަފާތު ބާވަތެއް ކަމަށް ޗައިނާއިން ބުނެފައިވާއިރު، މި ވައިރަހުގެ ޖެނެޓިކް ސީކުއަންސްއާއި ގުޅޭ މައުލޫމާތު މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާއި ހިއްސާކޮށްފައެވެ.