އޭނާއާއި ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކަށް، ޒުވާން ލަވަކިއުންތެރިޔާ ޖަސްޓިން ބީބާ އިންކާރު ކޮށްފިއެވެ.

ޖަސްޓިން ބީބާގެ ފަރާތުން ޖިންސީ ގޯނާގެ އަނިޔާ ލިބިފައި ވާ ކަމަށް 2 އަންހެނަކު ބުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެތަނުން އެކަކު ބުނި ގޮތުގައި ޖަސްޓިން ބީބާގެ ފަރާތުން އޭނާއަށް ޖިންސީ ގޯނާގެ އަނިޔާ ލިބުނީ 2015 ވަނަ އަހަރުއެވެ. އަނެއް މީހާ ބުނި ގޮތުގައި ޖަސްޓިން ބީބާގެ ފަރާތުން އޭނާއަށް ޖިންސީ އަނިޔާ ލިބުނީ 2014 ވަނަ އަހަރުއެވެ.

މި ދައުވާތައް ފެންމަތިވެ، އާންމުންގެ ސަމާލުކަން ދަމަގައިގަތުމާއެކު ޖަސްޓިން ބީބާ ވަނީ އޭނާގެ ދިފާއަށް ތެދުވެ، ޓްވީޓްތަކެއް ކޮށްފައެވެ. އެގޮތުން އޭނާއާއި ދެކޮޅަށް، ހަގީގަތެއް ނެތް ބޮޑެތި އިލްޒާމުތަކެއް ތަކުރާރުކޮށް އަމާޒުވަމުން ދާކަމަށާ ނަމަވެސް އޭނާއަކީ އެފަދަ ތުހުމަތުތަކަށް ޖަވާބުދާރީ ވަމުން ދާ މީހެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ އަންހެނުންނާ ޓީމާ މަޝްވަރާ ކުރުމަށްފަހު، މި ފަހަރުގެ ތުހުމަތުތަކަށް ޖަވާބުދާރީ ވާނެ ކަމަށްވެސް ޖަސްޓިން ބީބާ ވަނީ ބުނެފައެވެ.

ކެނެޑާއަށް އުފަން ޒުވާން ލަވަކިއުންތެރިޔާ ޖަސްޓިން ބީބާ/ފޮޓޯ: ގެޓީ އިމޭޖަޒް

ހަގީގަތެއް ނެތް ދޮގު ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާ، ނަމަވެސް ޖިންސާނީ ގޯނާގެ ކަންކަމަކީ އާދައިގެ ގޮތަކަށް އޭނާ ދޫކޮށްލާނެ ކަންތައްތަކެއް ނޫންކަމަށް ޖަސްޓިން ބީބާ ބުނެއެވެ. މިމޭރުމުން ޓްވީޓްތަކެއް ކުރަމުން ޖަސްޓިން ބީބާ ބުނީ 2014 ވަނަ އަހަރުގެ ވާހަކަ ދެއްކި މީހާ އެ ބުނި ތާރީހުގައި، އެ ބުނި ތަނެއްގައި އޭނާ (ޖޭބީ) ނުހުންނާނެ ކަން ސާބިތު ކޮށްދޭނެ ކަމަށެވެ. އެމީހާ އެ ދައުވާ ކުރާ ވަގުތަކީ އޭނާގެ ސަޕްރައިޒް ހުށަހެޅުމެއް ދެމުންދިޔަ ވަގުތެއް ކަން ދައުވާ ކުރި މީހާއަށް ނޭނގި އޮތީ ކަމަށްވެސް ޖަސްޓިން ބީބާ ވަނީ ބުނެފައެވެ. އަދި މިކަމަށް ހެކި ދިނުމުގެ ގޮތުން އޭނާ ވަނީ ސޯޝަލް މީޑިއާއަށް ފޮޓޯތަކަކާ އިތުރު މަންޒަރުތަކެއްވެސް ދޫކޮށްލާފައެވެ.

ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް އޭނާއާއި ދެކޮޅަށް އަމާޒުކޮށްފައިވާ މިމައްސަލާގައި ޓްވިޓާ ކުންފުނީގެ އިތުރުން ގާނޫނީ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ އިންޒާރުވެސް ޖަސްޓިން ބީބާ ވަނީ ދީފައެވެ.

2014 ވަނަ އަހަރު ހިނގި ހާދިސާއެއް ކަމަށް ބުނެ ޖަސްޓިން ބީބާއާއި ދެކޮޅަށް އަމާޒު ކުރި ދައުވާއަށް އިންކާރު ކޮށް ގިނަ ހެކިތަކެއް ދައްކާފައި ވީ ނަމަވެސް، 2015 ވަނަ އަހަރުގެ ކޭހާ ގުޅިގެން އޭނާ އަދި ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.