މިއަހަރުގެ އޭޕްރީލް މަހު މީގެކުރިން ބޭއްވުމަށް ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުފެ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އިންތިހާބު އޭޕްރީލް 18ވަނަ ދުވަހަށް ފަސްކުރިއެވެ. ފަހުން އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައި އޮތުމާއި ގުޅިގެން ހާލަތަށް ބެލުމަށްފަހުއެވެ.

އޭގެފަހުން ދިމާވި ގާނޫނީ ހުރަސްތަކަށް ރައްޔިތުންގެ މަޖިލީހުން ހައްލެއް ގެނެސްދީ ކައުންސިލް އިންތިހާބަށް ހާއްސަ ގާނޫނެއް ވަނީ އެކުލަވާލައިފައެވެ. އެ ގާނޫނު ބުނާ ގޮތުން އަންނަ އަހަރުގެ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމަށް އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އިންތިހާބު ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑަށް ބުރަވެވެނީ މާޗު މަހުގެ ކުރީކޮޅުގެ ތާރީހެކޭ އަޅުގަނޑުމެންނަށް ކަނޑައެޅޭނީ، މިހާރު ހާލަތަށް ބަލައި މަސައްކަތްތައް ރާވަމުންދާ ގޮތަށް ބަލާއިރު" ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވަނީ ގާނޫނުގައި ބުނެފައިވާ ތާރީހުގެ ކުރިން އިންތިހާބު ބާއްވާނެ ކަމަށާއި އަދި ، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅިގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.