ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރުން މަޑުޖައްސާލުމަށް އެމެރިކާގެ އޮފިޝަލުންނަށް އިރުޝާދު ދެއްވާފައި ވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުތިރާފުވެވަޑައިގެންފިއެވެ.
މި ހައިރާން ކުރުވަނިވި ނިންމެވުމަށް ޓްރަމްޕް އިއުތިރާފުވެވަޑައިގަތީ، މި އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް، ޓަލްސާގައި ކުރިއަށް ގެންދެވި ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް މީޑިއާގައި އަމާޒު ކުރަމުންދާ ފާޑުކިއުންތަކުގެ ޝަކުވާ ކުރައްވަނިވި ފަދަ ރޫޙެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޓެސްޓު ކުރުމަކީ 2 މިޔަލީ ކަނޑިއެއް ގެންގުޅުން ފަދަ ކަމެއް ކަމަށެވެ.
ކަންމިހެން އޮތްއިރު ޓެސްޓު ކުރުން މަޑުޖައްސާލުމަށް އޮފިޝަލުންނަށް އިރުޝާދު ދެއްވީ އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރުން ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ ވަރަކަށް އިތުރު ކޭސްތައް ފެންނަމުންދާނެ ކަމަށެވެ. އެހެންކަމުން ޓެސްޓު ކުރުން މަޑުޖައްސާލުމަށް އޮފިޝަލުންނަށް އިރުޝާދު ދެއްވީ ކަމަށެވެ.
މިފަދަ ރޫޙެއްގައި ޓްރަމްޕް ވާހަކަފުޅުދައްކަވާ ނިންމާލެވުމާއެކު ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލަކު ވަނީ، ޓެސްޓު ކުރުން މަޑުޖައްސާލުމަށް އޮފިޝަލުންނަށް އިރުޝާދު ދެއްވި ކަމަށް ޓްރަމްޕް ވިދާޅުވީ 'ސަމާސާ ކުރެއްވުމުގެ' ރޫހެއްގައި ކަމަށެވެ.
ކަންމިހެން އޮތްއިރު ޓްރަމްޕް ވަނީ ނަސްލީ ގޮތުން ދަށު ދަރަޖައިގެ އަމަލެއްވެސް ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19 ހާ ގިނަ ނަންތަކެއް ދެވުނު ދެވަނަ ރޯގާއެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވެ، ޓްރަމްޕް ވަނީ "ކަންގް ފްލޫ" ގެ ނަމުން ކޮވިޑް-19އަށް ހަޖޫ ޖައްސަވާފައެވެ. މީގެ ކުރިންވެސް ޓްރަމްޕް ވަނީ ކޮވިޑް-19އަކީ "ޗައިނާ ވަރަސް" ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް އެއީ ނަސްލީ ހަސަދައެއް ނޫން ކަމަށާ، އެ ފަހަރު އެހެން ވިދާޅުވީ އެ ވައިރަސް ފެތުރިގެން އައ ޗައިނާއިން ކަމަށް ވާތީ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2.3 މިލިއަނަށް އަރާފައެވެ. މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 121980 އަށް އަރާފައިވާކަމަށް ރެކޯޑް ތަކުން ދައްކައެވެ. މިއީ ބަލިޖެހުނު މީހުންނާ މަރުވި މީހުންގެ އަދަދުތަކަށް ބަލާއިރު ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑު އަދަދުތަކެވެ.