އަވަށްޓެރި އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 4 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

ފާއިތުވީ 24 ގަޑިއިރު ތެރޭގައި 15413 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައި ވާއިރު، އިންޑިއާއިން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 411773 އަށް އަރާފައެވެ.

މިއީ އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ވެގެން ރިޕޯޓްކުރި ފަހަރެވެ. ފާއިތުވީ 4 ވަރަކަށް ދުވަހަށް ބަލާއިރުވެސް ކޮންމެ ދުވަހަކީ ފާއިތުވީ ދުވަހަށްވުރެ އިތުރު އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުންދާ ދުވަހެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ވަނީ ކޮވިޑް-19ގެ 306 ޕޭޝަންޓެއްގެ ފުރާނަ ގެއްލުނު ކަމަށް ރިޕޯޓް ކޮށްފައެވެ. އިންޑިއާއިން މި ބަލިޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13281 އަށް އަރާފައެވެ.

އިންޑިއާއިން މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައި ވަނީ 170185 ކޭހެކެވެ. މީގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މެޑިކަލް ރިސާޗް ކައުންސިލުން ޚަބަރު ދޭ ގޮތުގައި ފާއިތުވީ 24 ގަޑިއިރު ތެރޭގައި 190730 ސާމްޕަލެއް ކޮވިޑް-19އަށް ވަނީ ޓެސްޓު ކޮށްފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއިން އެކަށީގެންވާ ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރަމުން ނުދާ ކަމުގެ ވާހަކަތައް އަދިވެސް ދަނީ ފެންމަތި ވަމުންނެވެ. އިންޑިއާއިން މިހާތަނަށް ހަދާފައިވަނީ 6807226 ޓެސްޓު ކަމަށްވާއިރު، މިއީ އިންޑިއާގެ އާބާދީގެ ކޮންމެ 1 މިލިއަން މީހަކަށް 4934 ޓެސްޓެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންތިހާއަށް ދަށް މިންވަރެކެވެ.